ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި މިދިޔަ މަހުގެ 28 ގައި ފެނުނީ 26 ވަނަ ދުވަހު އޭނާ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދަނިކޮށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.
ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާގެ ބަންދަށް މީގެކުރިން ހަތް ދުވަސް ދިނެވެ.
އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. މިއަދުގެ ބަންދަށް މަޖިލީހަށް ފުލުހުން ހުށަހެޅި ހެއްކެއްގެ ބަޔާނުގައި ލަންކާ ޑްރައިވަރު ފިލައިގެންދާން އުޅޭ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ، އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވެދާނެތީ އަދި ފިލައިދާނެތީ 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ނެރުނެވެ.
އޭނާގެ މައްޗަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ކުރިން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ ދުއްވި "އެކްސްކަވޭޓަރުން ޖެހި" މީހަކު މަރުވެފައިވެ އެވެ. އަދި އޭނާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅުނީ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެ އެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.