ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގެއަށް ހަމަލާދިނުމުގެ ޒިންމާ، ސުޕަސްޓާރު ސަލްމާން ހާންގެ ގެއަށް ވެސް ހަމަލާދިން ބިޝްނޯއީ ގޭންގުން އިއްޔެ ނަގައިފި އެވެ. 

އިންޑިއާގެ މުމްބާއީގެ ޖޫހޫގައި ހުންނަ ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތުގެ ގޭގެ ބޭރަށް ބަޔަކު ބަޑިޖެހީ އިއްޔެ ދަންވަރުގެ ވަގުތެއްގަ އެވެ. އެހެންވެ، ފުލުހުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ބިޝްނޯއީ ގޭންގުން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އޭގެ ފަހުން، "އަރުޖޫ ބިޝްނޯއީ" ކަމަށް ބުނާ މީހަކު ވަނީ އެ ހަމަލާގެ ޒިންމާ އުފުލާ އޯޑިއޯ މެސެޖެއް ވެސް އާންމުކޮށްފަ އެވެ.

އެ އޯޑިއޯ ކްލިޕްގައި ވާހަކަދެއްކި މީހާ ބުނި ގޮތުގައި، ރޯހިތުގެ ގޭގެ ކައިރީގައި ބަޑިޖެހީ އޭނާ އާއި އޭނާގެ ބައިވެރިން ކަމަށްވާ ޝުބަމް ލޮންކަރް އަދި ހަރީ ބޮކްސަރެވެ.

އެ މެސެޖުގައި ބުނީ އެމީހުންގެ މަސައްކަތަކަށް ހުރަސް ނޭޅުމަށް ފިލްމު އުފައްދާ މީހުންނަށް ތަކުރާރުކޮށް އިންޒާރު ދީފައިވާނެ ކަމަށާއި، މި ހަމަލާއަކީ ހަމައެކަނި "ކުރު ޓްރެއިލާއެއް" ކަމަށެވެ. ފިލްމު ކުޅޭ މީހުންނަށް ވެސް އިންޒާރު ދެމުން ބުނެފައި ވަނީ، މި އިންޒާރަށް ފަރުވާކުޑަ ކުރާ މީހުންނަށް އެއަށް ވުރެ ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުންޏެވެ.

އެމީހުންގެ ހަތުރުންނަށް އެހީތެރިވާ ކޮންމެ މީހަކު "ފުނޑުފުނޑުކޮށްލާނެ" ކަމަށް ވެސް އެ އޯޑިއޯގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ އޯޑިއޯ ކްލިޕްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތާއި މިކަމުގައި "ލޯރެންސް ބިޝްނޯއީ" ގޭންގުގެ ބައިވެރިވުން އޮތް މިންވަރު ދަނީ ތަހުގީގު ކުރަމުންނެވެ. 

މުމްބާއީ ފުލުހުންގެ ޓީމުގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވީ ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު، ތަފާތު އެކި ޓީމުތައް އެކުލަވާލައި، އެ މައްސަލައާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ފުލުހުން މިހާރު ސުވާލުކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، ނުވަ ބުރީގެ އެ އިމާރާތަށް ފަސް ވަރަކަށް ފަހަރު ބަޑިޖަހާފައިވެ އެވެ. އޭގެ ތެރެއިން އެއް ވަޒަން ވަނީ އެ އިމާރާތުގައި ހުރި ޖިމެއްގެ ބޭރުގައި ހުރި ބިއްލޫރިގަނޑަކަށް އަރައިފަ އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް 2024 ވަނަ އަހަރު ބަޑި ޖެހި މައްސަލާގައި ހައްޔަރުކުރި ފަސް މީހަކަށް ފުލުހުން މިދިޔަ އަހަރު ވަނީ ދައުވާކޮށްފަ އެވެ.

މުމްބާއީގައި ހުންނަ ސަލްމާންގެ ގެއަށް ބަޑި ޖެހި ފަހުން، ހެއިދަރުއާބާދުގެ ޖަލުގައި އޮތް އިންޑިއާގެ ގޭންގުސްޓާރެއް ކަމަށްވާ ލޮރެންސް ބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ވަނީ އެ ހަމަލާގެ ފަހަތުގައި ހުރީ އޭނާ ކަމަށް ބުނެފަ އެވެ. އަދި އެ ހަމަލާ ރާވައި، ހަތިޔާރު ފޯރުކޮށްދިނުމުގައި ލޯރެންސްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ވެސް ތުހުމަތުކުރި އެވެ.

އައްމޯލް އެމެރިކާގައި ހުއްޓާ އެ ގައުމުން އޭނާ އިންޑިއާއަށް ޑީޕޯޓްކޮށްލުމާ އެކު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެހެންވެ، އޭނާ މިހާރު ހުރީ އެ އެޖެންސީގެ ބެލުމުގެ ދަށުގަ އެވެ.