ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ޑައިރެކްޓް ކޮށްދޭން ފަރާ ޚާން ސޮއިކޮށް، އެކަން އިއުލާން ކުރިތާ އަހަރެއް ވާ އިރު ވެސް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާތީ، އެ ފިލްމާ ބެހޭ ގޮތުން މީޑިއާ ގައި އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދެއްކެވެމުންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާގޮތުގައި ފަރާގެ އާ ފިލްމަކީ 1982 ގައި ރިލީޒްކުރި "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެއްގެ ބަދަލުގައި އެ ފިލްމުގެ ޕްލޮޓުން ހިތްވަރު ލިބިގެން، މުޅިން ތަފާތު ސްޓޯރީލައިނަކަށް ގެނެސްދޭނެ ފިލްމެކެވެ.
މިފަދަ އަޑުތަކެއް އަރާފައި މި ވަނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކިން ރައިޓްސް އޮތް މާކެޓިން ކުންފުނި ޕާރަސް ޕަބްލިސިޓީ ސާވިސްގެ ރަޖޭޝް ވަސާނީ އެ ފިލްމުގެ ރިމެކް ހަދަން ބޭނުން ވަނީ މިދިޔަ އަހަރު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަން ލައްވައި ކަމަށް ބޮލީވުޑް ހަންގާމާ އިން ދާދި ފަހުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.
މީޑިއާ އިން ބުނިގޮތުގައި ފަރާގެ ފިލްމަކީ ފަސް ބެއިންގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. އަދި އޭގެ ނަމަކަށް "ހަމް ޕާންޗް" ކިޔަން ނިންމާފައި އިރު، ފިލްމުގެ މެއިން ރޯލް ދީފައި ވަނީ ސަލްމާން ޚާނަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ ފަރާގެ ފިލްމަށް "ހަމް ޕާންޗް" ކިޔަން ލަފާދިނީ ޑައިރެކްޓަރު ޑޭވިޑް ދަވަން ކަމަށެވެ. އަދި ފަރާގެ ސްކްރިޕްޓާއި އެ ނަމާ ގުޅޭ މިންވަރު ބޮޑުކަމުން އެ ނަން ފިލްމަށް ދޭން ނިންމާފައިވާ ކަމަށާއި ސަލްމާން ވެސް ފިލްމަށް އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ފަރާ އާއި ރޯހިތު އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ފަރާގެ ފިލްމަށް ސަލްމާން ސޮއިކުރި ނަމަ އެ ފިލްމު ވާނީ ފަރާ ޑައިރެކްޓްކުރާ ފިލްމެއްގައި ސަލްމާން ލީޑް ރޯލް ކުޅޭ ފުރަތަމަ ފަހަރަށެވެ.
މީގެ ފަސް އަހަރު ކުރިން 2014 ގައި "ހެޕީ ނިއު އިޔާ" ގެނެސްދިން ފަރާ، ރޯހިތުގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 7 ގަ އެވެ. އޭގެ ފަހުން އެ ފިލްމާ ބެހޭ އެކި ކަހަލަ ވާހަކަތައް މީޑިއާގައި ދަނީ ދެކެވެމުންނެވެ.
ފަރާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "މޭ ހޫ ނާ" އާއި "އޯމް ޝާންތީ އޯމް" އާއި "ތީސް މާރު ޚާން" ހިމެނެ އެވެ.