ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެކަން ހައްލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އެ ފްލެޓުތަކުގެ 11، 12، 15 އަދި 16 ވަނަ ޓަވަރުގެ ބޭރުގައި ވެސް ޖަންކްޝަންތަކުން ލީކުވަމުން ދިޔަ އެވެ.
އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން އެފްޑީސީއަށް ހުށަހެޅި އެވެ.
އެކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ އެކަން ދިމާވީ ކޮންޓްރެކްޓަރު މަސައްކަތް ނިންމައި ހަވާލުކުރިއިރު ޖަކްޝަނުގައި އަޅާފައި އޮތް ނެޓެއްގެ ސަބަބުން ކަމަށެވެ. އެކަމަކު އެ މައުލޫމާތު ލިބުމާ އެކު އެ ނެޓު ނަގައި އިއްޔެ މެންދުރެއްހާއިރު މައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ޖަންކްޝަންތަކުން ލީކުވާން ފެށި އިރު އަދި އެތަނުގައި ކިރިޔާ މީހުން އުޅެން ފެށީ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މީހުން އުޅެން ފެށި އެ ފްލެޓްތަކުގެ ގިނަ އެޕާޓްމަންޓްތަކުގައި އަދި މީހުން އުޅެން ވެސް ނުފަށަ އެވެ.
"މިހާރު" އަށް ލިބިފައިވާ ބައެއް ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓަވަރު 16 ކައިރީގައި ހުންނަ ބަސް ސްޓޮޕާ ހަމައަށް ނަޖިސް ފެން ލީކުވެފައި އޮތެވެ. އަދި އެހެން ބައެއް ޓަވަރުތަކުގެ ބޭރުގައި ވެސް ޖަންކްޝަނުގެ ފެން ބޭރުވެ ފެން ހެދިފައި ހުއްޓެވެ.