ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ކުޑަދޮރުތައް ހުޅުވޭ ވަރު ކުޑަކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭ 2 ގައި ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ހާދިސާއެއް މިދިޔަ މަހު ހިނގުމާ އެކު އިމާރާތްތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ވެސް، މިކަމަށް އެދޭ މީހުންނަށް ފުރުސަތު ހުޅުވާލައި އެކި ފްލެޓްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ އެކި ވަސީލަތްތައް ގެންދަނީ ގާއިމުކޮށްދެމުންނެވެ.
އެފްޑީސީން ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ޓަވަރުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ނިންމާފައި ވަނީ ކުޑަދޮރުތައް ހުޅުވޭ ވަރު ކުޑަކުރަން "ސްޓޮޕާ" ހަރުކުރަން ކަމަށެވެ. މި މަސައްކަތް ފެށީ އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ އެދުމުގެ މަތިން ކަމަށް ވެސް، އެފްޑީސީން އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ.
"55 އިންޗިއަށް މީގެ ކުރިން ހުޅުވުނު ދޮރުތައް 4 އިންޗިއަށް ހުޅުވޭ ގޮތަށް ސްޓޮޕާ ލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" މަސައްކަތާ ބެހޭ ގޮތުން ނެރުނު ވީޑިއޯއެއްގައި ބުނެފައިވެ އެވެ.
ދޮރު ހުޅުވޭ ވަރު ކުޑަކުރި ނަމަވެސް ވެންޓިލޭޝަންގެ މައްސަލައެއް ދިމާނުވާނެ ކަމަށް އެފްޑީސީން ބުންޏެވެ.
އެޗްޑީސީން ވެސް ދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެޗްޑީސީން އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމާއި ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭން ވަނީ ނިންމައިފަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުޅޭ ގެތަކުގެ ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދޭން ނިންމާފައި ވާއިރު ބަލިތަކުގައި ސީރިއަސް މީހުން ދިރިއުޅޭ ގެތަކުން ބޭނުންވާ ނަމަ، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބެލްކަނި އެއްކޮށް ބަންދުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީން ވެސް ލޮކިން ސިސްޓަމަކާއި ގްރިލިން ސިސްޓަމް ހަރުކޮށްދޭން ނިންމާފައިވެ އެވެ. ލޮކިން ސިސްޓަމު ހަރުކުރުމުން، ކުޑަދޮރު ހުޅުވޭނީ ކުޑަކުއްޖަކު ނުވަތަ މީހަކު ނުވެއްޓޭ ވަރަށެވެ.