ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ކުލި ނުދައްކާ މައްސަލާގައި ދެ ފްލެޓެއް ހުސްކުރަން އެންގުމުން އެތަނުން އެއް ފްލެޓަކުން ކުލި ދައްކަން އެއްބަސްވެފައިވާ ކަމަށާއި އެކަމަކު އަނެއް ފްލެޓުގެ ވެރިފަރާތުން ކުލި ދައްކަން ދެކޮޅު ހެދުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. 

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާތީ ދެ ފްލެޓެއްގެ "ޕޯޓަލް އެކްސެސް" ކަނޑާލައި އެ ދެ ފްލެޓް ހުސްކުރަން އެންގީ މިމަހުގެ 14 ގަ އެވެ. އަދި 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެފްޑީސީން އަންގާފައިވެ އެވެ. 

އެ މައްސަލައާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ ފްލެޓު ހުސްކުރަން އެންގުމުން އެކަކު ވަނީ ކުއްޔަށްވާ ފައިސާ އެއްކޮށް ދެއްކުމަށް އެއްބަސްވެފައި ކަމަށެވެ.

އެކަމަކު އަނެއް ފްލެޓުގެ ވެރިފަރާތުން ވަނީ ފްލެޓުގެ ކުލި ދެއްކުމަށް ދެކޮޅު ހަދާފައި ކަމަށާއި އެހެންވެ، އެތަން ހުސްކުރަން އެންގުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ. 

ކުރިން ހަމްދާން ވިދާޅުވެފައިވާ ގޮތުގައި ކުލި ނުދައްކާތީ ހުސްކުރަން އެންގި ދެ ފްލެޓަކީ ވެސް އެތަނަށް މީހުން ވަތް ފަހުން އެއްގޮތަށް ވެސް ކުލި ނުދައްކާ ދިރިއުޅެމުން އައި ބަޔެކެވެ. 

އަމާން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށީ މި އަހަރުގެ ކުރީކޮޅެވެ. އެތަނުގައި ދިރިއުޅެމުން އަޔަސް ބައެއް ފަރާތްތަކުން ގަވާއިދުން ފްލެޓަށް ކުލި ނުދައްކަ އެވެ. އެކަމަކު ދެ ފްލެޓެއް ހުސްކުރަން އެންގި މައްސަލާގައި ކުލި ނުދައްކާ އުޅެމުން އައި މީހުން ވެސް ވަނީ ކުލި ދައްކަން ފެށުމަށް އެފްޑީސީއަށް ގުޅަން ފަށައިފަ އެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި ބައެއް މީހުން ނުދައްކާ އޮތް ކުލި ބޮޑުވެ އެއްފަހަރާ ފައިސާ ދައްކަން ދަތިވާނެތީ، ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ އެވެ. 

އެފްޑީސީގެ 4،000 ފްލެޓު ލިބުނު ބައެއް މީހުން ގަވާއިދުން ކުލި ނުދައްކަނީ ހިޔާ ފްލެޓު ލިބުނު ބައެއް މީހުން ވެސް ކުލި ނުދައްކާ އުޅޭއިރު އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށް ބުނެ އެވެ. އެކަމަކު އެފްޑީސީން ފްލެޓު އެއްބަސްވުން ހަދާފައި އޮތީ ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ބާރު ލިބޭ ގޮތަށެވެ.