ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ރަށްވެހިކަން އެ ފްލެޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމުގައި އެފްޑީސީ އާއި މާލޭ ސިޓީ ކައުންސިލްގެ ދެބަސްވުން ބޮޑުވެއްޖެ އެވެ. 

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން އެ ފްލެޓްތަކަށް ބަދަލުކުރުމާ ގުޅޭ ކަންބޮޑުވުން މިއަދު ފާޅު ކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. 

ޒާޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހި ފްލެޓަށް ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް އެދި އެތައް ބަޔަކު ކައުންސިލަށް ފޯމް ހުށަހަޅާފައިވާ ކަަމަށެވެ. 

އެ ޕޯސްޓްގައި ޒާޔާ ވިދާޅުވީ ރަޖިސްޓްރީގެ ކަންކަން ލަސްވަނީ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭތީ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާނުލުމަށް އެދޭ ކަމަށެވެ. އަދި އެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި، ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓެއް ފޮނުވުމަށް އެފްޑީސީއަށް ސިޓީއަކުން އެދިފައި ވިޔަސް، އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ޒާޔާގެ ޕޯސްޓްގައިވެ އެވެ. 

"މިކަން އަވަހަށް ކުރިޔަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލުން އެފްޑީސީއަށް ފޮނުވި ސިޓީގެ ޖަވާބު އަދާހަމައަށް ވެސް ވަނީ ނުލިބިފައި. ރައްޔިތުންނަށް ފޯރުކޮށްދެއްވާ މިފަދަ ހިދުމަތްތައް އޭގެ އެންމެ އަވަސް ގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އަދުގެ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަން." ޒާޔާ ވިދާޅުވެފައިވެ އެވެ.  

އެ ޕޯސްޓާ އެކު އޭނާ ވަނީ މިމަހުގެ ތިން ވަނަ ދުވަހު ސިޓީ ކައުންސިލުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ފޮނުއްވި ސިޓީ ވެސް އާންމު ކުރައްވައިފަ އެވެ. 

އެ ސިޓީގައިވަނީ ފްލެޓަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންވެ، ފްލެޓުތައް ދޫކޮށްފައިވާ ފަރާތްތައް އެނގޭނެ ލިސްޓެއް ކައުންސިލަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ. 

ރަށްވެހިކަން ބަދަލުކުރަން ފްލެޓް ލިސްޓް ބޭނުމެއް ނުވާނެ!

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ ރަޖިސްޓްރީ ބަދަލުކުރުމުގައި އެފްޑީސީގެ 4،000 ފްލެޓާއި މާލޭގެ ގޯތިތަކާ ތަފާތެއް ނުވާނެ ކަމަށެވެ. 

ހަމްދާން ވިދާޅުވީ މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި މީހަކު ޖައްސާފައިނަމަ، ބޭނުން ވަނީ އެ ގެއެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ކަމަށެވެ. 

"މާލޭގައި ވެސް ނޫނީ ހުޅުމާލޭގައި އެހެން ގެއެއްގައި ވެސް ވެރިފަރާތް ނޫން އެހެން ފަރާތެއް އެ ގެއެއްގެ ރަށްވެހިކަން ޖައްސަންޏާ ބޭނުންވާނީ އެ ގެއެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ސިޓީއެއް. ހަމަ މިހާރު ވެސް މާލޭގެ އެހެން ހުރިހާ ގޯއްޗެއްގައި އެކަން ކުރާ ގޮތަށް މާވެހި ޕޯޓަލުން އެކަން ކުރެވޭނެ،" ހަމްދާން ވިދާޅުވި އެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓަށް މީހުންގެ ރަށްވެހިކަން ބަދަލުކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ހައުސިން މިނިސްޓްރީން ވެސް ސިޓީ ފޮނުވާފައިވާ ކަަމަށެވެ. އެހެންވެ، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އެ ލިޔުން ހޯދުމަށް އެދި ހުށަހެޅުމުން ލިޔުން ދޫކުރާ ކަމަށާއި އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުކުރުމަށް ކިއުއާރު ކޯޑެއް ވެސް ލިޔުމުގައި ހިމެނޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.  

"ޑޮކިއުމަންޓުގައި ކިއުއާރު ކޯޑެއް އިންނާނެ. ސްކޭން ކުރީމަ ސައްހަ އެއްޗެއްކަން އެނގޭނެ. ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އެބޭފުޅުންނަކަށް މިހާރު ނެތް،"

އެ ސަބަބާ ހުރެ ރަށްވެހިކަން ބަދަލުކުރުމަށް ފްލެޓު ލިސްޓު ހޯދަންޖެހޭ ސަބަބެއް ނެތް ކަމަށް ހަމްދާން ވިދާޅުވި އެވެ. 

އެހެންވީމަ އިތުރަށް ފްލެޓު ލިސްޓު ހޯދަންޖެހޭ ސަބަބެއް މިއަކު ނެތް. ފްލެޓު ލިސްޓު ނުލިބިގެން އެ ބޭފުޅުންނަށް ރަށްވެހިކަން ނުލިބެންވީ ސަބަބެއް ނެތް، 
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން 

ހަމްދާން ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ރައްޔިތުންނަށް ދުއްތުރާކޮށް، ސަރުކާރާ މެދު ނަފްރަތު އުފެއްދުން ފިޔަވައި އެހެން ބޭނުމެއްގައި ފްލެޓް ލިސްޓް ބޭނުންވާނެ ސަބަބެއް ނެތެވެ. 

އޭނާ ވިދާޅުވީ ފްލެޓް ލިބިފައިވާ އެންމެން، އެމީހުންގެ ރަށްވެހިކަން އެ ފްލެޓަށް ބަދަލުކުރަން ނޫޅޭ ކަމަށެވެ. އެހެންވެ، މުޅި ފްލެޓް ލިސްޓު ހޯދައި ރަށްވެހިކަން ބަދަލުކުރަން ނޭދޭ މީހުންގެ މައުލޫމާތު ހޯދަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. 

"އެއީ މާލޭގެ އެހެން ގޯއްޗެއް ގޭގެ ވެރިފަރާތުން އިއުތިރާޒެއް ނެތްކަމަށް ސޮއި ކުރެވެންޏާ ކީއްވެގެންތޯ މި ފްލެޓު ލިބުނު މީހުންގެ މައުލޫމާތު ހޯދަން މިއުޅެނީ. ފްލެޓަށް މިސާލަކަށް 4،000 މީހުންނަށް ލިބިފައި އޮތްއިރު 4،000 މީހުންނެއް ސިޓީ ކައުންސިލުގައި އެފްޑީސީގެ ފްލެޓުތަކުގައި ރަށްވެހިކަން ޖައްސާކަށް ރިކުއެސްޓް ނުކުރޭ. އެހެންވީމަ ރިކުއެސްޓް ނުކުރާ ބައެއްގެ މައުލޫމާތު ހޯދަނީ ކީއްކުރަންތޯ."

ހަމްދާން ކުރިން ވިދާޅުވެފައިވާ ގޮތުގައި ރަށްވެހިކަން ބަދަލުކުރުމަށް އެދޭއިރު ކައުންސިލަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެފްޑީސީގެ ޕޯޓަލް މެދުވެރިިކޮށް މިހާރު ލިބޭނެ އެވެ. އަދި އެކަން ކުރުމަށް އެފްޑީސީއަށް އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްޑީސީން އިމާރާތްކުރި ފްލެޓްތައް ހަވާލު ކުރިއިރު ހަދަނީ ކުލީގެ އެއްބަަސްވުމަކަށް ވާތީ، އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަަށް މާލޭ ސިޓީ ކައުންސިލުން ކުރިން ބުނެފައިވާތީ އެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ މީގެ ކުރިން މަޖިލީހުގައި ރައްދު ދެއްވައިފަ އެވެ. 

މިނިސްޓަރު ވިދާޅުވެފައިވަނީ އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެފްޑީސީގެ ފްލެޓްތަކަށް ރަށްވެެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވާ ވާހަކައެއް ނޫނެވެ.