ޖަލުގައި ގައިދީންނަށް އަނިޔާއެއް ނުކުރާނެ ކަމަށާއި އެއީ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށް މޯލްޑީވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން އެގޮތަށް ބުނީ ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރަމުން އައި ސ. ހިތަދޫ، ދިއްގާގަސްދޮށުގޭ، ހަސަން ނިޔާޒް އިއްޔެ ނިޔާވީ އަނިޔާކޮށްގެން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. 

ކަރެކްޝަންސް އިން ބުނީ އިއްޔެ މެންދުރު ފަހު ނިޔާޒަށް ކުއްލި މެޑިކަލް އިމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ގެންދިޔައީ މެންދުރު 1:30 ގައި ކަމަަށެވެ. އަދި 2:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް އެ ސާވިސް އިން ބުންޏެވެ. 

އުމުރުން 45 އަހަރުގެ ނިޔާޒަކީ މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. އެ ހުކުމްކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައިގަ އެެވެ. 

އޭނާގެ ކަރާއި މޭމައްޗަށް "އަނިޔާތަކެއް" ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތު ކޮށްފައި ވަނީ އޭނާ އަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށެވެ. 

އެ ތުހުމަތުތަކާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއްވެސް ގައިދީއަކަށް އަނިޔާއެއް ނުކުރާނެ ކަމަށެވެ. އެއީ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ ކަމެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. 

"ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއްވެސް ގައިދީއަކަށް އަނިޔާއެއް ނުކުރާނެ. އެއީ ވަރަށް ހަރުކަށިކޮށް ބަލާކަމެއް." އެ ސާވިސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ގައިދީއަކު މަރުވުމާ އެކު އެ ސާވިސް އިން ވަގުތުން އެކަން ފުލުހުންނާއި އެ މީހެއްގެ އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި އެޗްއާރުސީއެމް އަދި އިންޓެގްރިޓީ ކޮމިޝަނަށް އަންގަ އެވެ. އެފަދަ ތުހުމަތުތަކެއް ކުރެވޭ ނަމަ އެކަން އެ އިދާރާތަކުން ބަލާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.