ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ދުރަންދަރު 2"ގައި ހާއްސަ ރޯލަކުން އެކްޓްރެސް ޔަމީ ގޯތަމް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔަމީއަކީ "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ އަންހެނުންނެވެ. ޔަމީ މިދިޔަ އަހަރު ކުޅުނު ފިލްމު "ހައްގު"ގައި އޭނާ ދެއްކި އެކްޓިންއަށް ގިނަ ބައެއް ތައުރީފު ލިބުނެވެ. އަދި "ދުރަންދަރު"ގެ ފުރަތަމަ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު، މިދިޔަ އަހަރަކީ އެ "ދެމަފިރިންގެ އަހަރު" ކަމަށް އިންޑިއާގެ ނޫސްތަކުން ސިފަކޮށްފައިވެ އެވެ.
ޕިންކް ވިލާގެ ރިޕޯޓެއްގައި ބުނީ ޔާމީ މިހާރު ވަނީ "ދުރަންދަރު"ގައި އޭނާ ކުޅޭ ހާއްސަ ރޯލުގެ މަންޒަރުތައް ނަގައިފަ އެވެ. އެ މަންޒަރުތައް ޝޫޓްކުރީ ފަސް ދުވަހުގެ ތެރޭގައި ކަމަށާއި އޭނާގެ މި ރޯލަކީ ފިލްމުގެ ވާހަކައިގެ ގޮތުން ވަރަށް މުހިންމު، އަދި ބެލުންތެރިން ހައިރާންކޮށްލާ ފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ރޯލެކެވެ.
ޔާމީ މީގެ ކުރިން ނިއުސް18 އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އަދިތުޔަގެ މި ސްކްރިޕްޓް (ދުރަންދަރުގެ ވާހަކަ) ކިޔާލުމުން އޭނާއަކީ ފިރިހެނެއް ނަމައޭ ހިތަށް އެރި ކަމަށެވެ. އެއީ އެ ސްކްރިޕްޓް އެހާ ވެސް މޮޅުވުމުންނެވެ.
އަދިތުޔަ އާއި ޔަމީ ކައިވެނިކުރީ 2021 ވަނަ އަހަރު ނަމަވެސް، ޔާމީ ބުނި ގޮތުގައި އެ ދެމީހުން ވެސް މަސައްކަތުގެ ކަންކަމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަ އެވެ.
ޔާމީ އެންމެ ފަހުން ފެނުނީ އިމްރާން ހާޝްމީއާ އެކު ފިލްމު "ހައްގު" އިންނެވެ. މިދިޔަ އަހަރު ގެނެސްދިން އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބު ނަމަވެސް، ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށުމާ އެކު އެތައް ބައެއްގެ ތައުރީފު އޮއްސާލި އެވެ.
ދުރަންދަރު 2 އަންނަ މަހު 19 ގައި
"ދުރަންދަރު"ގެ ދެވަނަ ބައި "ދުރަންދަރު: ދަ ރިވެންޖް"ގެ ފުރަތަމަ ޓީޒާ އާންމުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ފިލްމު ރިލީޒްކުރަނީ ކުޑަ އީދާ ދިމާކޮށް އަންނަ މަހު 19 ގަ އެވެ.
ރަންވީރު ސިންގް ލީޑު ރޯލު ކުޅޭ "ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
"ދުރަންދަރު"ގެ ދެވަނަ ފިލްމުގައި ދައްކާނީ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ ކުރިންނާއި އޭގެ ފަހުން ހިނގާ ކަންކަމެވެ.