ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ރަސްމީކޮށް ފެށިތާ 50 އަހަރު ވީއިރު ވެސް އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި މަންފާ ލިބޭނެ އެއްވެސް މަގެއް ފަހިވެފައި ނުވާ ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދުގައި އެންމެ މުހިއްމު އެއް ދާއިރާއަކީ ޓޫރިޒަމް ސެކްޓާ ކަމަށް ވާއިރު އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރިސޯޓު ވިޔަފާރީގެ ފައިދާ ސީދާ ލިބެން ޖެހޭނީ ދިވެހިންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލު ކުރަނީ މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މަގެއް، ނިޒާމެއް ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ ކުންފުންޏެއް މެދުވެރކޮށް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަކަމާ އެކު، އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން." 

ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުން ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހިން ކަމަށް ގާނޫނުން ހަމަޖައްސާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކީ އެ މަޝްރޫއުން ތަރައްގީކުރާ ރިސޯޓުން ލިބޭ ފައިދާ ކޮންމެ ދިވެއްސަކަށް އަހަރުން އަހަރަށް ލިބި، ރިސޯޓު ހިއްސާދާރުގައި ދިވެހިން ލިބި، އޭގެ ފައިދާ ލިބެން ފެށުންކަން ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތައް ހަދަން ނިންމައި، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ އެކައުންޓަށް މަދުވެގެން 400 ޑޮލަރު ޖަމާކުރަން ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.

"ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، ކޮންމެ މެމްބަރެއް، މަދުވެގެން 10 ރިސޯޓުގެ ޝެއާހޯލްޑަރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއާ ހަވާލާދެއްވައި، ރައީސް ވިދާޅުވީ މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީން 5.5 ބިލިއަން ޑޮލަރުގެ އާމްްދަނީ ލިިބުނު ކަމަށެވެ. އެއީ އޭގެ ކުރިީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެމްއެމްއޭއިން އަންދާޒާ ކުރާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް 2.5 މިލިއަނަށް އިތުރުކޮށް 17 ޕަސެންޓްގެ ކުރިއެރުމެއް ހޯދުމެވެ.