ކުދި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭ ގައިދީން ބައިތިއްބަން "އޯޕަން ޕްރިޒަން އައިލެންޑް" ކޮންސެޕްޓުގައި ވަކި ރަށެއް ކަނޑައަޅައި އެ މީހުންނަށް މަސައްކަތް ކުރެވޭ ގޮތް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި އެތަނަކީ، ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ހެދުމަށް އިސްލާހީ ރިހިބިލިޓޭޝަންގެ ފުރުސަތުދެވޭ ތަނަކަށް ބަދަލުކުރުމަކީ ސިޔާސަތު ކަމަށެވެ. 

ގައިދީންގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ އަހުލާގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން، އެ ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން އިތުރު ދުވަހެއް ކެނޑޭ ގޮތަށް މިހާރު ވާނީ ސިޔާސަތު ބަދަލުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

"..މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައި ވާނެ. އަދި މި ޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށްވަނީ ޕްލޭންކޮށްފައި،" ރައީސް ވިދާޅުވި އެވެ. 

އެ ރަށަށް ގެންދާނީ ރައީސް ވިދާޅުވި ގޮތުގައި މިނިމަމް ސެކިއެރިޓީ ދޭން ޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ މީހުންނެވެ. މި ފަރާތްތަކަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް މިރަށުގައި ދަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ކުށްކޮށްގެން ޖަލަށް ހުކުމް ކުރާ ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ތިބޭ އިރު އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ މިންގަނޑު ތަކަށް ފެތޭ ގޮތަށް އިންތިޒާމްތައް ހުރިކަން ކަށަވަރު ކުރުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ބަލާއިރު، ނޮވެމްބަރު،17 2023 ގައި ރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓްގެ ހިދުމަތް ނެތި ކަމަށާއި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ވާނީ ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލަށް މަނާތަކެތި ވައްދައި ކުށްކުރަމުން ދިއުން ހުއްޓުވަން އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

"މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި މި ބާވަތުގެ އެހެނިހެން ކަންކަން އިރާދަކުރެއްވިއްޔާ ހުއްޓުވުމަކަށް ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.