މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައި ޖަލަށް އެތެރެވާ މީހުން ގެންދާ ތަކެތި އެ މެޝިން ބޭނުންކޮށްގެން ފާސްކުރަން ފަށައިފި އެވެ. 

މާފުށީ ޖަލުގައި މުޅިން އަލަށް ބެހެއްޓި މި މެޝިން ބޭނުންކުރަން ފައްޓަވައި ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިއްޔެ ޖަލަށް ކުރެއްވި ޒިޔާރާތެއްގަ އެވެ. 

ކަރެކްޝަނަލް ސާވިސް އިން ބުނީ ޖަލަށް އެ މެޝިން ހަދިޔާކުރީ އެމްއޭސީއެލްގެ ފަރާތުން ކަމަށެވެ. އެއީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި މެޝިނެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެެ. 

އެ އިދާރާ އިން ބުނި ގޮތުގައި އެ މެޝިން ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތައް ޖަލުގެ އޮފިސަރުންނަށް ދީފައި ވަނީ ކަސްޓަމްސްގެ މުވައްޒަފުންނެވެ. 

މާފުށީ ޖަލުގައި ބަގެޖް ސްކްރީން މެޝިނެއް ބަހައްޓައި ބޭނުންކުރަން ފެށުން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާފުށީ ޖަލުގައި ބަގެޖް ސްކްރީން މެޝިނެއް ބަހައްޓައި ބޭނުންކުރަން ފެށުން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހާއްސަ މެޝިން މެދުވެރިކޮށް، ގައިދީންނާއި ބަންދު މީހުން ޖަލަށް އަލަށް އަންނައިރު ގެންނަ ތަކެއްޗާއި އެ މީހުންގެ އާއިލާއިން ފޮނުވާ ތަކެއްޗާއި އާއިލީ އަދި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރާތްކުރާ މީހުންގެ ތަކެތި ސްކްރީން ކުރެވޭނެ ކަމަށެވެ. 

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ބަހައްޓައިފަ އެވެ. އެ މެޝިން އިންސްޓޯލްކޮށް، ތަމްރީނު ދީ، ބޭނުންކުރަން ފެށީ މިދިޔަ އޭޕްރީލް މަހުގަ އެވެ. 

މާފުށީ ޖަލުގައި ބަގެޖް ސްކްރީން މެޝިނެއް ބަހައްޓައި ޖަލަށް ވައްދާ ތަކެތި ބަލައި ފާސްކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާފުށީ ޖަލުގައި ބަގެޖް ސްކްރީން މެޝިނެއް ބަހައްޓައި ޖަލަށް ވައްދާ ތަކެތި ބަލައި ފާސްކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖަލަށް ފޯނު ފަދަ ތަކެތި ވައްދައިގެން ސްކޭމް ކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް ޒަމާނީ މެޝިންތައް ޖަލުގައި ބޭނުންކުރަން ފަށާފައިވާއިރު އޭގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި އެ ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުވުމަކަށް ގެނެވޭނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.