މާފުށީ ޖަލުގައި ތިބި ޕެރޯލް އަށް ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ މިހާރު އިންޓަވިއު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ ގިނަ އަދަދެއްގެ މީހުންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށް ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއް އިއްޔެ މާފުށީ ޖަލުގައި ބާއްވާފައިވާ ކަމަށެވެ. 

އެ ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެމްބަރުން މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށް ގެންދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާ ގޮތް ވެސް ބަލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. 

ޕެރޯލް އެންޑް ކްލެމެންސީގެ އުސޫލުގެ ދަށުން ގައިދީން ޖަލުން ދޫކޮށްލަން ފެށީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް 434 މީހަކު އެ އުސޫލުން ޖަލުން ދޫކޮށްލި އެވެ. އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލައިފައި ތިބި މީހުންނެވެ. 

ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، މާފުދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ވަނީ ނިންމަވައިފަ އެވެ.

ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތަށް ދޭ އެލަވަންސް 25 އަހަރު ފަހުން މިދިޔަ އަހަރު ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. އެލަވަންސް ދިނުމުގައި އެކި ބާވަތުގެ މަސައްކަތަށް ބަލައި އަށް ގްރޭޑެއް ކަނޑައަޅާފައި ވާއިރު 50ރ. އަކީ ގްރޭޑް 1 ނުވަތަ އެންމެ ދަށް މިންގަނޑެވެ. އެ މިންގަނޑު ކޮންމެ ގްރޭޑަކަށް 10ރ. ބޮޑުވާނެ އެވެ. އެހެންވެ، ގްރޭޑް 8 ގެ ކެޓަގަރީއާ ހިސާބަށް ދުވާލަކަށް 120ރ. ލިބެ އެވެ.