ކަނޑުގެ އިމުން ފުށު އަރާ ބައިގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެސްފައިވާކަން އަންގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީގައި އެ މަނިކުފާނު މިއަދު ސޮއިކުރައްވައިފި އެވެ.

އިބޫގެ ވެރިކަމުގައި ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ. 

އެނގިފައިވާ ގޮތުގައި ރައީސް ވަނީ އިބޫގެ ސިޓީ އަނބުރާ ގެނައިކަން އަންގަވައި، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާ ސިޓީގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ސޮއިކުރައްވައިފަ އެވެ.

އެހެންކަމުން މިއަދުގެ ވަގުތެއްގައި އެ ސިޓީފުޅު މޮރިޝަސްގެ ބޮޑުވަޒީރަށް ރަސްމީކޮށް ފޮނުއްވާނެ ކަމަށް ބެލެވެ އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށް 2021 ވަނަ އަހަރު އިބޫ ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައަޅާފައި ވަނިކޮށެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަދީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށާއި އެހެންވެ، އެ ސިޓީ އަނބުރާ ގެންނަން "މި ފަހުރުވެރި ދައުލަތާއި ރައްޔިތުންގެ ހައްގުގައި" ނިންމަވާފައިވާ ކަމަށެވެ. 

ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ކަނޑުގެ ހާއްސަ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ބައި ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ކަނޑައަޅައި އެކަން ވެސް މިއަދު އިއުލާނު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ކަނޑުގެ ސަރަަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަަހައްދުތައް ކަނޑައެޅުމާއި ބޭސްލައިންތައް ކަނޑައަޅަން އަދި ސަރަހައްދާ ގުޅޭ އެންމެހާ މައްސަލަތައް ބެލުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަަސައްކަތް ކުރާނެ އޮފީހެއް ގާއިމް ކުރަން ވެސް މާހިރުން ލަފާދީފައިވާތީ، އެކަން ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް ގާއިމްކުރާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.