ޗާގޯސްއާ އެންމެ ކައިރި ތަނަކީ ދިވެހިރާއްޖެ ކަމަށް ވާތީ އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ނަމަ މަލިކަކީ (ލަކްޝަދީބު) އަކީ ވެސް ދިވެހިންގެ ތަނެއް ކަމަށް ބުނެފާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްވެރިން ބުނާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ރައްދު ދެއްވައިފި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރާތީ އިންޑިއާގެ ބައެއް މީޑީއާތަކުން ބުނެފައި ވަނީ އެހެން އެކަން އޮތް ނަމަ ރާއްޖޭގެ އުތުރުގައި އޮންނަ މަލިކަކީ ވެސް ރާއްޖެ ތަނެއް ކަމަށް ދިވެހިން ބުނަންވީ ކަމަށެވެ. އެގޮތަށް ވާހަކަ ދައްކާ އިންޑިއާގެ މީޑިއާތަކުން އެއީ ދުވަހަކު ވެސް ރާއްޖޭގެ ތަނެއް ކަމަށް ދޭހަވާ ފަދަ އެއްޗެެއް ވެސް ނުބުނެ އެވެ.
ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، "މަލިކަކީ ދިވެހިންގެ ތަނެއް" ކަމަށެވެ.
ތާރީހަށް އަލިއަޅުވައިލައްވަމުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ފުރަތަމަ ނަމަކީ ވެސް "މަލިއްކަޑޫ އަތޮޅު" ކަމަށެވެ.
"މަލިކުން ފެށިގެން އައްޑުއަތޮޅާ ހަމައަށް އެ ދޭތެރޭގައި މި އޮތީ ދިވެހިރާއްޖެ. މަލިކު ނޫނީ މިނިކޯއި ނޫނީ މިހާރު ލަކްޝަދީބޭ އެ ކިޔަނީ އެއީ ހަމަ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގި ތަނެއް. އެހެންވީމާ މިހާރު ވެސް އެ ތަނުގައި މީހުން ދިވެހި ބަހުން ވެސް ވާހަކަ ދައްކަނީ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަލިކަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރަން އެ ދުވަސްވަރު ކުރި މަސައްކަތުގެ އަގެއްގެ ގޮތުގައި އިންޑިއާ އަށް އޭރު ދޫކުރި ތަނެކެވެ.
އެހެންވެ، މަލިކަކީ އުފެދުމުގައި ވެސް އިންޑިއާގެ ތަނެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާއަށް މަލިކު ދޫކޮށްލުމަކީ އޭރު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުވަ ވަނަ ހަސަން ރަސްގެފާނަށް ފެނިވަޑައިގެން އެކަން އެ ގޮތަށް ކުރެއްވީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިންޑިއާގެ މީހުންނަށް ވެސް އެނގެން ވާނެ އެއީ އެ މީހުންގެ ނޭޓިވް ތަނެއް ނޫނޭ. އެއީ ހަމަ ދިވެހިންގެ ތަނެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މިހާރު ކުރަންވީ ކަމަކީ ޕޯޗުގީޒުންގެ ސަބަބުން އެ ދުވަސްވަރު ދިވެހިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރުން ކަމަށެވެ. އެ ދުވަސްވަރުގެ ހަގީގަތްތަކަށް ބާރު ލިބޭ އަދި ސާބިތު ކުރެވޭނެ ލިޔުންތައް ވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާގެ ނޫސްވެރިންނަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި ގޮތުގައި، އެ މީހުން ކުރަންވީ ކަމަކީ އެ ގައުމުގެ ތާރީހަށް ރުޖޫއަވެ، ކަންކަން ހިނގާފައިވާ ގޮތް ބެލުމެވެ.
ޗާގޯސްއިން، ދިވެހި ބަހުން ލިޔެފައި ހުރި މަހާނަ ގާތަށް ފެނިފައި ވާތީ އެއީ ވެސް ރާއްޖެއާ އެތަނާ އޮތް ގުޅުން އަންގައިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރާތީ އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ދިވެހި ބަހުން ވާހަކަ ދައްކާ ހަމައެކަނި ތަނަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މަލިކުގައި ވެސް ދިވެހިން ވާހަކަ ދައްކާ ކަމަށް ބުނެފަ އެވެ. އެކަމަކު މަލިކު މީހުން ދިވެހިން ވާހަކަ ދައްކަން މެދުވެރިވި ސަބަބަކާ ބެހޭ ތާރީހީ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރި ރަސްމީ ޖަލްސާގައި ޖުލައި 26، 2015 ގައި އޭރު ވެރިކަމުގައި ހުންނެވި އިރު ވެސް ޔާމީން ވަނީ ރާއްޖެއަށް މަލިކު ގެއްލުމަކީ ކުރަންޖެހުނު ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެފަ އެވެ.
"... އެއްގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިގެން މިދިޔަ ދިގު ތާރީހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިން އޮތް މަލިކު އަތޮޅާއި މިހާރުގެ ބޮޑު ތިލަދުންމަތި ބޭރުގެ ފަރާތްތަކުގެ ބާރުގެ ދަށަށް ގޮސްފައިވާކަން ތާރީހުގެ ފަތްފުށްތަކުން ހެކިދޭ ...،" އެ ޖަލްސާގައި ޔާމީން ވިދާޅުވެފައިވެ އެވެ.
"... އަޅުވެތިކަމާއި އިސްތިއުމާރުގެ ހިތި ތަޖުރިބާ އެކި ދުވަސްވަރު އެކި ގޮތަށް ދިވެހިރާއްޖެ ކޮށްފައިވާ ކަމީ މިނިވަންކަމުގެ ތާރީހުގައި ދިވެހިރާއްޖެ ދެކެފައިވާ އެންމެ ކަޅު ދުވަސްތައް ކަން މިއަދު އަޅުގަނޑުމެން ދަންނަން ޖެހޭ."
ޔާމީން އެ ޖަލްސާގައި އެ ވާހަކަ ދެއްކެވީ އިންޑިއާގެ ޑިޕްލޮމެޓުން ވެސް ތިއްބަވަނިކޮށެވެ.
ލަކްޝަދީބާއި މަލިކުގެ ތާރީހުން އެނގޭ ގޮތުގައި ލަކްޝަދީބާއި ދިވެހިރާއްޖޭގައި އެއް ވެރިކަމެއްގެ އޮތް ޒަމާނެއް ވެސް އޮތެވެ.
އޭގެ ފަހުން ކަންނަންނޫރުގައި އަރައްކަލް ދަރިކޮޅުގެ ވެރިކަން މަލިކުގައި ފެށި އެވެ. އަދި މަލިކާއި ލަކްޝަދީބުގެ ރައްޔިތުން ކަންނަންނޫރު ރާޖާއިންގެ ވެރިކަމުގެ ދަށަށް ދިޔަ އެވެ. މީލާދީން 1573 ވަނަ އަހަރު، ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވި އިރު ވެސް މަލިކުގައި ވެރިކަންކުރީ ކަންނަންނޫރު ރާޖާއިންނެވެ.
ޕޯޗުގީޒުންނާ ދެކޮޅު ޖިހާދަށް ބޮޑުތަކުރުފާނުމެން ނުކުމެވަޑައިގަތުމަށް އެ ތަކުރުފާނުގެ އާއިލާތަކަށް ހިމާޔަތް ހޯއްދެވީ މަލިކުންނެވެ. އަދި ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނު ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ ވެސް މަލިކުގައިކަން އެނގެ އެވެ. ބޮޑުތަކުރުފާނުގެ އާއިލާގެ ބޭފުޅުން މަލިކުގައި ދިރިއުޅުއްވި "ދިވެހިގަނޑުވަރު" އަދިވެސް އެބަހުއްޓެވެ.