ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން ހުޅުވާލައިފި އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ، އަށް ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށެވެ. އެ އިން ކޮންމެ ވައްތަރެއް ވެސް ވިއްކާ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 300ރ. އެވެ.
އިއުލާނުގައިވާ ގޮތުން، ނީލަމުގައި ވިއްކާނެ ހުއިފިލަނޑާގެ ބާވަތްތަކަކީ މުށި، ހޮޅި، ކަރީ ފިޝް، ހުދު ކިރު، ކަޅު ކިރު އަދި އިލަފަންޓް، ކަށި އަދި ބުއްފުޅި އެވެ.
ފުލުހުން ވަނީ އެ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ފުރިހަމަކުރުމަށް ފަހު، އައިޑީކާޑުގެ ކޮޕީއެއް ފުލުހުންގެ އީމެއިލަށް ފޮނުވުމަށް އެދިފަ އެވެ. އެ މެއިލް ލިބުމުން އެ މީހަކަށް ނީލަމުގައި ރަޖިސްޓަރީވިކަމުގެ މެއިލް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ނީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އެވެ.
ފުލުހުން ބުނީ ނީލަމަށް ރަޖިސްޓްރީ ކުރަން ދީފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެެވެ.
ނީލަން ކުރިއަށް ގެންދަނީ ދޫނިދޫގައި އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގަ އެެވެ.
ނީލަމުގައި ބައިވެރިވާން ބޭނުން ނަމަ މާލޭ ޖެޓީ ނަންބަރު 3 ނުވަތަ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމައްޗަށް އެ ދުވަހުގެ 10 ޖަހާއިރަށް ދިއުމަށް އެދިފައިވެ އެވެ.