ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ހުއިފިލަނޑާތަކަކީ ޗައިނާ މީހެއްގެ މުދަލެވެ. އެ ގުދަނުގައި ހުއްޓާ ހިޔާނާތްތެރިވެފައިވަނީ ފުލުހުންގެ އޮފިސަރެއްގެ އިތުރުން އެނގިފައިވާ ގޮތުގައި އެމްޕީއެލްގެ މުވައްޒަފެކެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލާގައި ތުހުމަތުކޮށްފައިވަނީ، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ގެންދިޔަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ ދެ ގެއެއްގައި ރައްކާކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުހުން މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާގެ މަތިން ނީލަން ކިޔަން ނިންމައިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށެވެ.
ނަމަވެސް، ފުލުހުން ބުނި ގޮތުގައި، ޝަރީއަތުން ނިންމާފައިވަނީ އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ އަމުރު ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ބުނެފައިވެ އެވެ.