ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން އިއުލާންކުރީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ އެޔަށް ހިޔާނާތްތެރިވެ އެހެން ތަނަކަށް ގެންގޮސް ފޮޮރުވާފައިވާ ކަމަށް ބުނެ ޑިސެމްބަރު 31 ގައި ހުށަހެޅި މައްސަލައެއްގައި ކަމަށެވެ. މިއީ ދެ މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ގެންދިޔަ ކަމަށެވެ.  

ފުލުހުން ބުނި ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ ދެ ގެއެއްގައި ރައްކާކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.

މައްސަލައިގެ އިތުރު ތަފުސީލް

  • ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރި. އޭގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ.
  • މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން.
  • އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ފުލުހުން ސުވާލުކުރުމުން، ދެ ފަރާތުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވޭ.
  • ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރު ވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތި ކަމަށް ވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނު.

ޕީޖީ އޮފީހުގެ ލަފާ

  • ފުލުހުން ބުނި ގޮތުގައި، ޕީޖީ އޮފީހުން އެކަމާ ގުޅޭ ގޮތުން ދީފައިވާ ލަފާގައި "ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު"ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ބުނެފައިވޭ. 
  • ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވޭ.
  • އެހެންވެ، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޕީޖީން ލަފާ ދީފައިވޭ. 
  • ފުލުހުން ބުނީ އެގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ލަފާ ދީފައިވާ ކަމަށް. 

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، ފުލުހުން ބުނި ގޮތުގައި، ޝަރީއަތުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ އަމުރު ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ބުނެފައިވެ އެވެ. 

ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އަށް ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށެވެ. އެ އިން ކޮންމެ ވައްތަރެއް ވެސް ވިއްކާ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 300ރ. އަށް ކަމަށް އެ އިއުލާނުގައިވެ އެވެ.