އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް އެ ކޮމިޝަނުގެ ވަކީލެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.
އެ ކޮމިޝަނުގެ މެންބަރު ކަމަށް ހުޅުވާލީ ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ ރިފްއަތުގެ ނަމެވެ. އެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ރިފްއަތަކީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއްގައި ކޯޓުގައި އެ ކޮމިޝަންގެ ދިފާއުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
އެގޮތުން 2016 އަދި 2017 ވަނަ އަހަރު މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑިއާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވެސް އޭނާ އެ ކޮމިޝަން ތަމްސީލު ކުރެއްވި އެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި ވެސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވި އެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ. މީގެތެރެއިން ހަސަން ޒަކަރިއްޔާއަކީ ވެސް މީގެކުރިން ކޮމިޝަންގެ ގާނޫނީ ޓީމުގައި ހިމެނުނު ބޭފުޅެކެވެ.