އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ދާދިފަހުން އައްޔަންކުރި މުހައްމަދު ޝަކީލް އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އީސީގެ މެމްބަރު ކަމަށް ޝަކީލް ދާދިފަހުން އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ.

އީސީގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަަޑައިގެން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު އެ މައްސަލަ ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަަށެވެ.

ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. އަދި މެމްބަރު ކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އޭރު އޭނާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ. 

ޝަކީލް އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށް މަޖިލީހުގެ ކޮމިޓީގައި ދާދިފަހުން އޭނާ ވިދާޅުވެފައިވެ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމާ ހަމައަށް ޝަކީލް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.