ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އީސީގެ މެމްބަރުކަމަށް ޝަކީލް، މިދިޔަ މަހު 24 ގައި އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ.
އެ ދުވަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަކީލު ވަނީ އީސީގެ މެމްބަރު ކަމުގެ ހުވާކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އަދި ރައީސް ވަނީ އޭނާއަށް މެމްބަރު ކަމުގެ ލިޔުން ވެސް ހަވާލުކުރައްވައިފަ އެވެ.
އޭގެ ފަހުން އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެމުމުން ވަނީ 51 މެމްބަރުންގެ ވޯޓުން ވަނީ ރުހުން ދީފަ އެވެ.
އީސީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކޮމިޝަނުގެ ރައީސްކަމަށް ޝަކީލު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމާ ހަމައަށް ޝަކީލް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ހުންނެވީ ވެސް އޭނާ އެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. އަދި މެމްބަރު ކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އޭރު އޭނާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ. ޝަކީލް އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަންގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އޭރު ނެތުމުން ކަމަށް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.