ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަންކުރައްވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝަކީލު ވަނީ އީސީގެ މެމްބަރު ކަމުގެ ހުވާކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އަދި ރައީސް ވަނީ އޭނާއަށް މެމްބަރު ކަމުގެ ލިޔުން ވެސް ހަވާލުކުރައްވައިފަ އެވެ.
ޝަކީލަށް މެމްބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އީސީގެ މެމްބަރު ކަމަށް ޝަކީލް ކުރިމަތިލެއްވީ އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށެވެ.
މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ. މަޖިލީހުން އިއްޔެ ވަނީ އޭނާއަށް ރުހުން ދީފަ އެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. އަދި މެމްބަރު ކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، އިސްތިއުފާ ދެއްވީ 2018 ގަ އެވެ.
ޝަކީލް އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.
މި ސަރުކާރު ފެށުނު ފަހުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު، އީސީގެ މެމްބަރު ކަމަށް މަޖިލީހުން ރުހުން ލިބުމާ އެކު އޭނާ ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.