އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރަކަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 

ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކާ ބެހޭ ކަންކަން ބަލަހައްޓާ އެ ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ އިސްތިއުފާ ދެއްވުމުންނެވެ. 

އެހެންވެ، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ. 

އެ މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ޝަކީލް ހާޒިރުކޮށް އޭނާއާ އިންޓަވިއުކޮށްފަ އެވެ. އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރަކަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 60 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. 

އެހެންވެ، މިއަދުގެ ވަގުތެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުން ޝަކީލް އިސްތިއުފާ ދެއްވާނެ ކަަމަށް އެނގިފައިވެ އެވެ. 

ޝަކީލް ވަނީ މީގެ ކުރިން ވެސް އިސީގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި މެމްބަރުކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު، އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ.

ކޮމެޓީގައި ޝަކީލް ވިދާޅުވި ގޮތުގައި އޭނާ އީސީން އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާއެކު މަސައްކަތްކުރެވިދާނެ ކަމަށް މާހައުލެއް ނެތް ކަމަށް ގަބޫލު ކުރެވުމުންނެވެ. 

މިނިވަން މާހައުލެއް ނެތީސް ކޮމިޝަންގައި އޭރު މަސައްކަތްތައް ކުރުމަށް އޭނާ ދެކޮޅު ހެއްދެވީ ކަމަށް ޝަކީލް ވިދާޅުވެފައިވެ އެވެ. އަދިވެސް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ. 

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް ކުރިން ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓް މެމްބަރެއްގެ ގޮތުގަ އެވެ.  ޝަކީލް ވަނީ ޕީއެންސީގެ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.