ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އޭރު ގާއިމުވެފައި ނެތުމުން ކަމަށް، އެ ކޮމިޝަނުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.


ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކުގެ ކަންކަން ބަލަހައްޓާ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ހުޅުވާލުމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް މިވަގުތު ފުރުއްވާ ޝަކީލާ އެކު އިތުރު ބޭފުޅުންތަކެއް ކުރިމަތިލެއްވި އެވެ.  އެކަމަކު ކޮމިޝަނަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި ފޮނުއްވީ ޝަކީލްގެ ނަމެވެ.

އީސީގެ ރައީސްކަމަށް އައްޔަންކުރައްވަން ރައީސް ފޮނުއްވި ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުން އަންނައިރު މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ޝަކީލް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. 

ޝަކީލް ވަނީ މީގެ ކުރިން ދެ ހައިސިއްޔަތަކުން އިސީގައި މަސައްކަތްކުރައްވައިފަ އެވެ. އެއީ ޑިރެކްޓާ ޖެނަރަލްގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެމްބަރުކަމެވެ. މެމްބަރުކަމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރު އެވެ.

އެހެންވެ، މިއަދުގެ ބައްދަލުވުމުގައި ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ އީސީގެ މެމްބަރުކަމުގައި ހުންނަވައި އިސްތިއުފާ ދެއްވީ ކީއްވެތޯ އާއި އަލުން ކޮމިޝަނަށް އައްޔަންކުރައްވައިފި ނަމަ އެތަނުގައި މަސައްކަތްކުރެވޭނެ ކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތްތޯ ސުވާލުކުރައްވައިފަ އެވެ. 

އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ކޮމިޝަނުގައި މިނިވަންކަމާ އެކު މަސައްކަތްކުރެވިދާނެ ކަމަށް އޭނާ ގަބޫލުނުކުރައްވާ އަޑުތަކެއް ކޮމިޝަނުގެ ތެރެއިން އިވުމުން ކަމަަށެވެ. 

އީސީގައި މިނިވަންކަމާ އެކު މަސައްކަތްނުކުރެވޭ ހާލަތެއްގައި ގާނޫނުއަސާސީން ލާޒިމުކޮށްފައިވާ މަސައްކަތްތައް ކުރުމަށް އޭނާ ދެކޮޅު ހެއްދެވީ ކަމަށް ޝަކީލް ވިދާޅުވި އެވެ. 

"އަޅުގަނޑު އޭރު އިސްތިއުފާ ދިނީ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔައިރު އޭރު ކޮމިޝަން ތެރެއިން އިވުނު މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭ އަޑުތަކެއް. ކޮމިޝަނު ތެރެއިން އޭރުގައި އަޅުގަނޑަށް އިވިގެން އެ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ގާނޫނުއަސާސީން އެ ލާޒިމުކޮށްފައިވާ މަސައްކަތްތަކެއް ކުރުން އެއީ އަަޅުގަނޑު އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމަކަށްނުވާތީވެ އަޅުގަނޑު އޭރު އިސްތިއުފާ ދިނީ،" ޝަކީލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ އެެވެ. 

"މިހާރު ވެސް ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހާލަތެއް އައިސްފިއްޔާ އަޅުގަނޑު ހަމަ މަސައްކަތުން އެއް ފަރާތް ވާނަން."

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް މިހާރު ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓުގަ އެވެ.