އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

ސިޔާސީ ޕާޓީތަކާއި އިންތިހާބުތައް ބަލަހައްޓާ ކޮމިޝަނުން މަގާމެއް ހުސްވީ، އެ ތަނުގެ ރައީސަކަށް ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. 

އެހެންވެ، އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން، ރައީސަށް ފެނިވަޑައިގަންނަވާ ނަމަކާއެކު މަޖިލީހަށް ވަނީ ސިޓީ ފޮނުއްވައިފަ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ފާތިމަތު ނިއުޝާ އިއްވެވި ސިޓީގައި، އީސީގެ މެމްބަރުކަމަށް ރަައީސް އިހުތިޔާރުކޮށްފައިވަނީ ހަމައެކަނި ޝަކީލުގެ ނަމެވެ. ނަމަވެސް، އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް އެ ސިޓީއާއެކު ފޮނުއްވި އެވެ.

ޝަކީލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އީސީގެ މެމްބަރުކަން ކުރައްވައިފަ އެވެ. އޭނާ މިހާރު ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓުގަ އެވެ.