މުސްތަގުބަލުގައި ބަހައިގެން ލިބެން އޮންނަ ތަނެއް ނުވަތަ މައިންބަފައިން ދަރިއަކަށް ހިބައިން ބަހައިގެންދޭ ތަންތަނަކީ އަތުލެވޭނެ ތަންތަން ކަމަށާއި އެހެންވެ، އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި ނުވާ ނަމަ، އެ މީހުންނަށް ވެސް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރަމުންދާއިރު އޭގައި "ތަރިކަ ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައިން ނުވަތަ މި ނޫންގޮތަކުން، 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބިމުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބެން އޮތް ނުވަތަ އެފަދަ ތަނެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ފަރާތެއްތޯ" އޮވެ އެވެ.
އެހެންވެ، މުސްތަގުބަލުގައި ލިބެން އޮވެދާނެ ތަނެއްގެ ސަބަބުން ވެސް ފްލެޓަށް ޝަރުތު ނުވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެކަމަކު ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މުއްތަލިބު ވިދާޅުވީ ހިބައިން މީހެއްގެ މައިންބަފައިން ދީފައި އޮންނަ ތަނަކީ މައިންބަފައިން ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ އަތުލެވޭ ތަންތަން ކަމަށެވެ. އެހެންވެ އެ ފަަދަ ހާލަތުގައި އެމީހަކީ ބޯހިޔާވަހިކަމުގެ ހައްގު ލިބިފައި އޮތް މީހެކޭ ނުބުނެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"މުސްތަގުބަލުގައި ބަހައިގެން ލިބެން އޮތް ތަނަކަށް، މިސާލަކަށް، ހިބައިން މީހެއްގެ މައިންބަފައިން ދީފައި އޮތީ. އެ ހިބައަކީ މައިންބަފައިން ބޭނުންވެއްޖެ ހާލަތެއަގައި އަނބުރާ އަތުވެސް ލެވޭނެ އެއްޗެއް. އެހެންވީމާ އެ ހާލަތުގައި އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ އޭނާގެ ހައްގު އުފަންވެފައި އޮތެކޭ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީވެފައި ނުވަތަ އެމީހެއްގެ ނަން މަތީގައި އެގްރީމަންޓް އޮތް ހާލަތެއްގައި ނޫން ގޮތަކަަށް އެމީހަކީ ފްލެޓަށް ޝަރުތު ހަމަވާނެ މީހެއް ކަމަށެވެ.
"އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީވެފައި ނޫނީ އެމީހެއްގެ ނަން މަތީގައި އެގްރީމަންޓްވެފައި އޮތް ހާލަތެއްގައި މެނުވީ އެމީހަކަށް ޝަރުތު ހަމަނުވާނެ ފަދަ ހާލަތެއް ނޯންނާނެ،"
މުސްތަގުބަލުގައި ލިބިއްޖެ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވާންޖެހޭނެ ކަމަށް ސްޓޭޓްމަންޓެއް އޮންނާނެ ކަމަށާއި އެކަމަކު އޭގެ މާނައަކީ އެތަން ދައުލަތަށް ނެގުން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް ސްޓޭޓްމަންޓެއް އިންނާނެޔޭ މުސްތަގުބަލުގައި ލިބިއްޖެކަމުގައިވާ ނަމަ ދޫކޮށްލަން އެއްބަސްވާންޖެހޭ. އޭގެ މާނައެއް ނޫން ދައުލަތުން އެތަން އަތުލާނެއޭ. އޭގެ މާނައަކީ ގޭގެ ތިބި ދެން މީހުންނަށް ދޫކޮށްލުން ރަނގަޅު ކަމެކެވޭ،"
ފްލެޓު ޝަރުތު ކަނޑައަޅާފައި ވަނީ އެމީހެއްގެ އަމިއްލަ ނަމުގައި ތަނެއް އޮތް ނަމަ އެތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް ކަމަށާއި އެއީ މުސްތަގުބަލުގައި ލިބެން އޮތް އެއްޗަކަށް އެމީހެއްގެ ޝަރުތު ހަމަނުވާނެ ކަމަށް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުސްތަގުބަލުގައި ލިބެން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގެ ވަކި ހިސާބެއްގައި އޮންނާނެ ކަމަށާއި އެއީ ކޮންމެ ޕްރޮގްރާމެއްގައި ވެސް އޮންނަ ގޮތް ކަމަށް ވިދާޅުވި އެވެ. އަދި އެއީ ދައުލަތަށް އެބައި ނަގާ ވާހަކަ ނޫން ކަމަށާއި އެއީ އެމީހަކު ބޭނުންވެއްޖެ ނަމަ، އާއިލާގެ ދެން ތިބި މީހުންނަށް ދޫކޮށްލަން ނުވަތަ ދަރިއަކަށް ވެސް ދެވެން އޮންނަ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މުސްތަގުބަލުގައި ލިބެން އޮތް އެއްޗަކަށް އެމީހެއްގެ ޝަރުތު ހަމަ ނުވާނެއެކޭ ކަނޑައަޅާފައެއް ނޯންނާނެ. އެހެންނަމަވެސް އުސޫލުތަކުގެ ތެރެއިން ވަކި ހިސާބެއްގައި އިންނާނެ، މިސާލަކަށް، މުސްތަގުބަލުގައި ލިބެން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވާންޖެހޭނެއޭ. އެއީ އަސްލު ދައުލަތަށް ނަގާ ވާހަކައެއް ނޫން،" ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
"އަބަދުވެސް ހުރިހާ ޕްރޮގްރާމެއްގައި ވެސް ހުންނާނެ އެކަހަލަ ހާލަތެއްގައި ދައުލަތުން ތަނެއް ފޯރުކޮށްދީފައި އޮތީމާ އޭނާއަށް، މިސާލަކަށް، ލިބެން އޮތް ތަންކޮޅެއް ގޭގެ ބާކީ ތިބި މީހުންނަށް ނޫނީ އާއިލާގެ އެހެން މީހުންނަށް ދޫކޮށްލަން އެއްބަސްވާންޖެހޭނެއޭ."
އެ ބޯހިޔާވަހިކަން ނުލިބޭނީ އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީވެފައި ނުވަތަ އެމީހަކު އެގްރީމަންޓެއްގައި ސޮއިކޮށް ލާރި ދައްކަމުންދާ އެމީހެއްގެ އަމިއްލަ މިލްކުވެރިކަމެއް އުފަންވެފައިވާ ނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 18 ގަ އެވެ. މިހާތަނަށް ޖުމްލަ 3،651 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ކުރިމަތިލާފައިވާ މީހުންނެވެ. އަދި ޑްރާފްޓު ސްޓޭޖުގައި 10،000 އެޕްލިކޭޝަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ.
ސަރުކާރުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ.
ބިން ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭ މީހުންނާއި މާލޭގައި 15 އަހަރު އުޅެފައިވާ މީހުންނަށް ކުރިމަތިލެވޭނެ އެވެ. ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.