ކުޑަކުއްޖަކު ގްރޫމް އަދި އެކްސްޕްލޮއިޓްކޮށް އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި ހދ. ކުޅުދުއްފުށީ ދެ މީހުން ކަމަށްވާ އެ ރަށު ކަސްތޫރިގެ، އުމުރުން 21 އަހަރުގެ މުހައްމަދު އިހުސާނާއި ސިލްވާސްޓާ، އަލީ ހަސަން، 44 އެވެ.
ފުލުހުން މިއަދު ބުނީ، އެ ދެމީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އަލީ ހަސަން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައި ކަމަށާއި އޭނާގެ ބަންދަށް ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ އެކެއްގައި ކަމަށެވެ. އިހުސާން ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކުރީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަކުދިން ގްރޫމްކޮށްގެންނާއި އެ ކުދިންގެ މަޖުބޫރު ހާލަތުގެ ނާޖައިޒު ފައިދާ ނަގައިގެން މަސްްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މީހުންނަށް ފިޔަވަޅު އެޅުމުގައި އިސްކަންދޭނެ އެވެ.
އެފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ބުންޏެެވެ.