މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި އިމަޖެންސީގައި ދަތުރުކުރި ދެ އެމްބިއުލެންސެއް އެކްސިޑެންޓް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.
އޭއީއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމަޖެންސީގައި ދަތުރުކުރި އެ ހޮސްޕިޓަލުގެ އެމްބިއުލާންސްތައް މަގުމަތީގައި ދުއްވާފައި ދިޔަ އެހެން އުޅަނދުތަކުގައި ޖެހި ނުރައްކާތެރި ދެ ހާދިސާއެއް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.
އެމްބިއުލެންސަކީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ތިބޭ ބަލި މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ދަތުރުކުރާ އުޅަނދަކަށް ވާއިރު، އެމްބިއުލާންސަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ގާނޫނީ ވާޖިބެއްގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން އަދާކުރަން ޖެހޭ ފަރުދީ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އެމްބިއުލެންސްގެ ސައިރަންގެ އަޑު އިވުމާ އެކު، ވަގުތުން މަގު ދައްކައި އެމްބިއުލެންސަށް ދަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެވަގުތަކު ދުއްވާފައި ދާ ހުރިހާ އުޅަނދެއްގެ ޒިންމާއެއް ކަމަށެވެ.
އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށާއި އާންމުން ހޭލުންތެރިކުރުވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ހޮސްޕިޓަލުން ހާއްސަ ކެމްޕެއިނެއް ހިންގަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އޭއީއެޗް އިން ބުނީ އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހޮސްޕިޓަލުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލެންސެއް ވަނީ ކާރެއްގައި ޖެހި އެކްސިޑެންޓުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓު ހިނގީ އިމަޖެންސީގައި އެމްބިއުލެންސް ބާރަށް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް މަގަށް ނުކުތް ކާރެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ކާރަށާއި އެމްބިއުލެންސަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.