އައްޑޫ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލެންސެއް ވެސް އެކްސިޑެންޓު ވެއްޖެ އެވެ.
ފުލުހުން މިއަދު "މިހާރު"އަށް ބުނީ ހިތަދޫ ޑެއިޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 9:30 ގެ ފަހުން ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ އެ ދެ ސައިކަލު ވެސް ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ދެ މީހަކު ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓުގައި އަނިޔާވި މީހުން ގޮވައިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔަ އެމްބިއުލެންސް ވެސް ވަނީ ކާރެއްގައި ޖެހި އެކްސިޑެންޓުވެފަ އެވެ.
ފުލުހުން ބުނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ އެމްބިއުލެންސު ކާރެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 10 ޖަހަނިކޮށް ކަމަށެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ އެކްސިޑެންޓު ހިނގީ އަނިޔާވި މީހުން ގޮވައިގެން އިމަޖެންސީގައި އެމްބިއުލެންސް ބާރަށް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް އެ މަގަށް ކާރު ނުކުތުމުންނެވެ. އެކްސިޑެންޓުގައި ކާރަށާއި އެމްބިއުލެންސަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.