ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޕެންޝަނާއި ފިސްކަލް ޒިންމާ އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ، މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ވަނީ މަޖިލީހުގެ ހުއްދަ ލިބިގެން މެނުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކޮށްގެން ނުވާނެ ކަމަށާއި ވަކި ކަންކަމަށް ކަނޑައަޅާފައިވާ ހަރަދު ވެސް ކުރަން ވާނީ އެ ކަންކަމަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އަދި މާލިއްޔަތު ގާނޫނާއި ފިސްކަލް ޒިންމާގެ ގާނޫނުގައި ސަރުކާރުން ހަރަދުކުރުމާއި ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރުމުގައި ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ.

ނަމަވެސް، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކުރަން މަސައްކަތް ކުރަމުންދަނީ ޕެންޝަނާބެހޭ ގާނޫނުގެ އިތުރުން މާލިއްޔަތު ގާނޫނާއި ފިސްކަލް ޒިންމާގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމަށް އެ ގަރާރުގައި ކުޑޫ ވިދާޅުވެފައި ވެ އެވެ.

އަދި އެކަމާމެދު ހިތްހަމަނުޖެހިގެން ޕެންޝަން ބޯޑުގެ ގިނަ މެމްބަރުން އިސްތިއުފާ ދެއްވާފައިވާކަން ވެސް ކުޑޫ ވަނީ ފާހަގަކުރައްވައިފަ އެވެ.

އެހެންކަމުން، ކުޑޫ މި ގަރާރު ހުށަހަޅުއްވާފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.

އެ ގަރާރު ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމުގެ މަސައްކަތް ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މައްސަލަ ވަނީ ހޫނުވެފަ އެވެ. 

އެ ބޮންޑުގައި އިންވެސްޓްކުރަން ޕެންޝަން ބޯޑުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މަހު ވަނީ އެ ބޯޑުގެ މެންބަރު އަދި ކުރީގެ ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފަ އެވެ. 

އޭގެފަހުން، ޕެންޝަން އޮފީހުގެ ސީއީއޯ އާއި ޗެއާޕާސަން އަދި އިތުރު ބޯޑު މެމްބަރުންތަކެއް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. 

ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ އާއި ސަރުކާރުން ހިންގާ މި މުއާމަލާތުގައި ރުފިޔާގެ ސަޕްލައި އިތުރު ކޮށްގެން ނުވަތަ ރަސްމީ ރިޒާވުގައި ހުރި ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ސަޕްލައި މިކަމުގެ ސަބަބުން އިތުރުވާނެ ކަމަށް އިސްތިއުފާ ދެއްވަމަށް ފަހު ސަރުވަޝް ވިދާޅުވި އެވެ. އަދި ޗެއާޕާސަން އިނާޒް ވެސް ވަނީ އެ މުއާމަލާތަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.