ގައުމު ބައްޓަންކުރުމުގައި އިދިކޮޅު އެމްޑީޕީން އަބަދުވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ މާފަންނު ކެމްޕެއިނު އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕުން ދައްކަމުން އަންނަނީ ހަމަޖެހޭ އުސޫލުތަކެއްގެ ވާހަކައެއް ނޫން ކަަމަށެވެ. 

އެމްޑީޕީން ގައުމު ބައްޓަންކުރުމުގައި އަބަދުވެސް ތަންފީޒުކުރަނީ އެ ޕާޓީގެ އަމިއްލަ މަސްލަހަތު ހުރި ކަންތައްތައް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 

"ގައުމު ބައްޓަންކުރުމުގައި އެބޭފުޅުން އިސްކުރަނީ އަބަދުވެސް އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ހުރި ކަންކަން ތަންފީޒުކުރަން. އެކަންކަން އެ ވަނީ ފެނިފައި،" އެމްޑީޕީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ނައިބް ރައީސް ވިދާޅުވި އެވެ. 

ނައިބް ރައީސް ވިދާޅުވީ ގައުމު ސަލާމަތްކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތުން ކަމަށެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ އަދި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ނައިބް ރައީސް އާއި އެ ޕާޓީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
ޕީއެންސީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ނައިބް ރައީސް އާއި އެ ޕާޓީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށާއި އިގްތިސާދަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރެއްވި ކަަމަށެވެ. އެއީ މީގެ ކުރިން އެހެން ވެރިއަކަށް ކުރިމަތިނުވާވަރުގެ އުނދަގޫ މަރުހަލާތަކެއްކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކޮށްފައި ވަނީ އޭރު މަޖިލީހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މެމްބަރުން ވެސް އެކަން ނުކުރުމަށް ގޮވާލައްވަމުން ދަނިކޮށް ކަމަށެވެ. 

ކުރިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި އިންނެވި އިރު ވެސް އެކަން ނުކުރެވުމަށް ވަކާލާތުކުރެއްވި ކަމަށެވެ. އެކަމަކު "ހައްދެއް" ނެތް މިންވަރަކަށް ފައިސާ ޗާޕުކޮށްފައިވާ ކަމަށާއި މި ސަރުކާރަށް ދިމާވި ދަތިތަކަކީ ވެސް އެކަމާ ހުރެ ދިމާވި ދަތިތަކެއް ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެންނާ އަރާ ހަަމަ މި ކުރަނީ އެކަންތައްތަކޭ. އެ އުނދަގޫތަކޭ މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް ކުރިމަތިވެވަޑައިގެން ހައްލުތަކެއް ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު އެ ކުރައްވަނީ،" ނައިބް ރައީސް ވިދާޅުވި އެވެ. 

ނައިބް ރައީސް ވިދާޅުވީ އެ އުނދަގޫތަކާ އެކު ވެސް އަސާސީ ހައްގުތަކާއި ތަރައްގީގެ މަޝްރޫއުތައް އެމަނިކުފާނު ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ.