މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި-އިލެކްޝަންތަކުގައި އައްޑޫ ހުޅުދޫގެ ގޮނޑި، އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރުއާ ވާދަކުރައްވައި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފި އެވެ. 

ޑަބްލިޔުޑީސީގެ އިންތިހާބު ދެން ބޭއްވި ހއ. ވަށަފަރާއި ވ. ތިނަދޫގެ ދެ ގޮނޑި ވެސް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށެވެ. 

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަށަފަރުން ހޮވިފައި ވަނީ އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް އެވެ. ރިޝްމާއަށް 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓް، ޒައިނާޒް އަހުމަދަށް ލިބުނީ 221 ވޯޓެވެ.

ތިނަދޫ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓު ޒީނާ އަހުމަދެވެ. އެ ގޮނޑިއަށް ވާދަކުރެއްވ އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ޝުޖާއުއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަމަން މުހައްމަދެވެ.

 މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށް ގެންދިޔަ މި ބައި-އިލެކްޝަންތަކުގައި މާލެ ސަރަހައްދުގައި ފަސް ފޮއްޓާއި އަތޮޅުތެރޭގައި ފަސް ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓު ފޮށި ބެހެއްޓި އެވެ. މި އިންތިހާބުތަކުގައި 3،776 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.