މިއަދު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުވުމުގެ އިންތިހާބު ފަށާ ގަޑި އާއި ނިންމާ ވަގުތަށް ބަދަލު ގެނެސްފި އެވެ.

ކުރިން މި އިންތިހާބު ފަށަން އޮތީ މެންދުރު ފަހު 2:00 ގަ އެވެ. އަދި ވޯޓްލުން ނިންމާ ވަގުތެއްގެ ގޮތުގައި އޮތީ ރޭގަނޑު 8:00 އެވެ.

އެ ޕާޓީން ރޭ ކުރި އިއުލާނެއްގައި ބުނީ ވޯޓުލާން ފަށާ ގަޑި 2:30 އަށް ފަސްކޮށް، ވޯޓްލުން ރޭގަނޑު 8:30 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް މިހާރު ނިންމައިފައިވާ އެވެ.

މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން، ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ޖުމްލަ 241 ވޯޓްފޮށި ބަހައްޓާނެ އެވެ. އެއީ ރާއްޖޭގައި ބަހައްޓާ 240 ފޮއްޓާއި ލަންކާގައި ބަހައްޓާ ފޮއްޓެކެވެ.

އެމްޑީޕީން ބުނެފައި ވަނީ މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓްފޮށިތައް ހުންނާނީ ސްކޫލްތަކުގައި ކަމަށެވެ. މާލޭގައި 10 ސްކޫލެއްގައި ވޯޓްފޮށި ހުންނާނެ އެވެ.

އެމްޑީޕީއަކީ މި ވަގުތު ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި މި ވަގުތު 43,784 މެމްބަރުން އެބަތިއްބެވެ. ނަމަވެސް މިއަދު ބާއްވާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ އަދަދަކީ 48،912 އެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ. ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުގެ ކެމްޕޭން ވަރަށް ފޯރިއާ އެކު މުޅި ރާއްޖޭގައި ކުރައްވައިފަ އެވެ.