މައި އިދިކޮޅު ޕާޓީ، އެމްޑީޕީ ހިންގުމުގެ އެންމެ މުހިންމު މަގާމު ކަމަށްވާ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

މެންދުރު 2:30 ގައި ވޯޓުލުން ފަށާފައި ވާއިރު މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ބަހުގެ ހަމަލާތައް އެންމެ ހޫނުވި އަދި ޕާޓީގެ މިސްރާބު ބަދަލުކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފެނިގެންދިޔަ ފަހަރެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވެ އުފެދުނު ހިޔާލު ތަފާތުވުމުގައި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ  ކުރީގެ ރައީސް މުހައްމަދު ނަޝީދާ މި އިންތިހާބުގައި ވާދަކުރައްވަނީ  ޒުވާން ލީޑާޝިޕެއްގެ ތަަސައްވުރާ އެކު ނުކުންނެވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ސިޔާސީ ގޮތުން ނަޝީދާ ހިޔާލު ތަފާތުވެފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ކެމްޕެއިންގައި ތާއީދުކުރައްވަނީ މީކާއިލްއަށެވެ.  

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މިއަދު މީހަކު ވޯޓު ލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މިއަދު މީހަކު ވޯޓު ލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކެމްޕޭން ފޯރިގަދަވެގެން ދިޔައިރު، ދެ ފަރާތުންވެސް ވަނީ އެއް ފަރާތުން އަނެއް ފަރާތަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ.

މި އިންތިހާބުގެ ވޯޓުލުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނެ އެވެ. އަދި ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޖުމްލަ 241 ފޮށި ބަހައްޓާފައި ވާއިރު މިއީ ރާއްޖޭގައި ބަހައްޓާ 240 ފޮއްޓާއި ލަންކާގައި ބަހައްޓާ ފޮއްޓެކެވެ.

މީކާއީލްގެ ކެމްޕޭނުގައި ބޮޑަށް އަމާޒުކުރެއްވީ ޕާޓީގެ ބާރުވެރިކަން "ވަކި ބައެއްގެ މުށުތެރޭގައި" އޮތް އޮތުން ބަދަލުކުރުމަށެވެ. ކެމްޕޭން ނިންމުމުގެ ޖަލްސާގައި އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި ޒުވާނުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި "ސިޔާސީ ލީޑަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން" ނޫން ކަމަށެވެ. އަދި އޭނާ ހޮވިއްޖެ ނަމަ، ޕާޓީގެ އެންމެ އިސް ސަފަށް ޒުވާނުން ގެންނާނެ ކަމަށް ވިދާޅުވެ، ބާރުތައް މަރުކަޒުވެފައި އޮތް އޮތުމަށް ފާޑުވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މިއަދު މީހަކު ވޯޓުލުމުގެ ކުރިން ލިސްޓުން ނަން ޗެކްކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މިއަދު މީހަކު ވޯޓުލުމުގެ ކުރިން ލިސްޓުން ނަން ޗެކްކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަޝީދު ކެމްޕެއިން ނިންމަވާލައްވަމުން ރޭ ވިދާޅުވީ ޕާޓީ ހިންގުމުގެ ތަޖުރިބާ އާއި ސިޔާސީ ބަރުދަނަށް ބަލާއިރު މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި މި ވަގުތު 43,784 މެމްބަރުން އެބަތިއްބެވެ. ނަމަވެސް މިއަދު ބާއްވާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ އަދަދަކީ 48،912 އެވެ.

ވޭތުވެދިޔަ އިންތިހާބުތަކަށް ފަހު ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި، ލީޑާޝިޕް ބަދަލުވުމުގެ މަރުހަލާތަކަށް ފަހު، މި ޗެއާޕާސަން އިންތިހާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީގެ ސިޔާސީ މިސްރާބު ކަނޑައަޅާނެ އިންތިހާބުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.