އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވިޔަސް، އެކަތިގަނޑެއްގެ ގޮތުގައި 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިންތިހާބުގައި ވާދަކުރެއްވި އެއް ކެނޑިޑޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ގުޅުއްވައި، އެ މަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވި ކަމަށެވެ.
"އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން،" މީކާއިލް ވިދާޅުވި އެވެ.
"ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނާނަން."
އެމްޑީޕީން އަދި ވަގުތީ ނަތީޖާ އިއުލާނު ނުކުރިޔަސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އަދި މި ކާމިޔާބީ ފާހަގަކުރަން، މިރޭ އާޓިފިޝަލް ބީޗަށް ވަނީ އެއްވެފަ އެވެ.
އާޓިފިޝަލް ބީޗުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި، ނަޝީދު ވެސް ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް މަރުހަބާ ވިދާޅުވެފަ އެވެ.