އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކުރުމާއެކު ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފެށުނީ ކަމަށާއި ބަދަހި ސަފުތަކަކާއެކު އެކަން ކާމިޔާބުކުރާނެ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރު އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާނެ ބޭފުޅަކު ހޮވަން މިއަދު ބޭއްވި ވޯޓު، ބޮޑު ތަފާތަކުން ނަޝީދު ވަނީ ކާމިޔާބުކުރައްވައިފަ އެވެ.

އެ ކާމިޔާބީއާ ގުޅިގެން، ނަޝީދުގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލާފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކޮށް ފައްޔާޒު ވިދާޅުވީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ރާއްޖެ އިސްކޮށް އެ ދިނީ މުހިއްމު ވޯޓެއް ކަމަށެވެ.

"އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު 'ބޮޑު ބަދަލު' މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މި ދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް،" ފައްޔާޒު ވިދާޅުވި އެވެ.

މި އިންތިހާބަށް ނަޝީދު ނުކުންނެވީ އެމްޑީޕީއަށް "ބޮޑު ބަދަލު" ގެނައުމުގެ ސްލޯގަންނާއެކު އެވެ. އެ މަނިކުފާނާ އެކު ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ފައްޔާޒު ވަނީ މީކާއިލްގެ ކެމްޕޭން ޓީމުން ކުރި މަސައްކަތަށް ވެސް ހިތްވަރު ދެއްވައިފަ އެވެ.

"ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން. ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ފައްޔާޒް އާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.

އަދި ފައްޔާޒްގެ ވެރިކަމެއްގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ވަނީ ހާމަކުރައްވައިފަ އެވެ. 

އެހެން ނަމަވެސް ބަރުލަމާނީ ނިޒާމުގައި އަމަލުކުރާ ގޮތާ ހިލާފަށް، ނަޝީދާއި ފައްޔާޒްގެ ޕްރޮޕޯސަލްގައި އޮތީ ސަރުކާރުގެ ވެރިޔާ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަަށެވެ. 

އަދި ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދު ކުރައްވާނެ ކަމަށާއި އަދި ދައުލަތުގެ ވެރިއަކަށް ޝައުގުވެރިވެވަޑައިގަންނަވާކަން ނަޝީދު ވަނީ ހާމަކުރައްވައިފަ އެވެ.