އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ތިއްބެވި އެ ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ ދާއިރާތަކުން ވެސް އެ މަނިކުފާނު ކުރި ހޯއްދަވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން ރޭ އިއުލާންކޮށްފައިވާއިރު، އެ އިންތިހާބުގައި ނަޝީދަށް ޖުމްލަ 21،301 ވޯޓު ލިބިވަޑައިގަތެވެ. ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ހޯއްދެވުނީ 9،462 ވޯޓެވެ.
ނަތީޖާ ދައްކާ ގޮތުން މީކާއިލްގެ ދާއިރާ، ގަލޮޅު ދެކުނު ދާއިރާ އިން ވެސް ކުރި ހޯއްދެވީ ނަޝީދެވެ. އެ ދާއިރާއިން މީކާއިލަށް 119 ވޯޓު ހޯއްދެވުނުއިރު ނަޝީދަށް 166 ވޯޓު ލިބިވަޑައިގަތެވެ.
އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ބޮޑު ތާއީދެއް އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވެސް ނަޝީދާ ދެކޮޅަށް އިސްވެ މަސައްކަތް ކުރެއްވި ނަމަވެސް އެ ދާއިރާ ވެސް ނެންގެވީ ނަޝީދެވެ. ހިތަދޫ ދެކުނު ދާއިރާއިން ނަޝީދަށް 328 ވޯޓު ލިބިވަޑައިގެންނެވި ނަމަވެސް މީކާއިލަށް ހޯއްދެވުނީ 190 ވޯޓެވެ.
މީކާއިލް ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދުގެ ދާއިރާގައި ނަޝީދު އުޅުއްވަނީ ކުރީގަ އެވެ. އެގޮތުން ނަޝީދު 180 ވޯޓު ހޯއްދެވިއިރު މީކާއިލަށް ލިބުނީ 103 ވޯޓެވެ.
ރައްޔިތުންގެ މަޖިލިހުގައި އެންމެ އަޑުގަދަ އިދިކޮޅު މެމްބަރު ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހިމް (ކުޑޫ)ގެ ތާއީދު ވެސް އޮތީ މީކާއިލަށެވެ. އެކަމަކު، އެ ދާއިރާއިން ވެސް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ނަޝީދެވެ. އެ މަނިކުފާނަށް ކުޑޫގެ ދާއިރާ އިން 195 ދިނެވެ. މީކާއިލަށް ހޯއްދެވުނީ އެންމެ 51 ވޯޓެވެ.
ނަޝީދާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ދާއިރާއިން ވެސް ނަޝީދު ކުރި ހޯއްދެވި އެވެ. އެގޮތުން ނަޝީދު 142 ވޯޓު ހޯއްދެވިއިރު މީކާއިލަށް ލިބިވަޑައިގަތީ 127 ވޯޓެވެ. އެކަމަކު، މައުރޫފްގެ ރަށް ކެންދޫން ނަޝީދަށް ވުރެ މީކާއިލް އޮތީ ބޮޑުކޮށް ކުރީގަ އެވެ. އެގޮތުން ނަޝީދަށް 29 ވޯޓު ލިބިވަޑައިގެންނެވުއިރު މީކާއިލަށް ހޯއްދެވުނީ 88 ވޯޓެވެ.
ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ 12 މެމްބަރުންގެ ތެރެއިން ނަޝީދާ އެކު މި އިންތިހާބުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ތޮއްޑޫ ދާއިރާގެ ހުސައިން ސަމީރެވެ. އެ ދާއިރާ އިން ނަޝީދަށް 455 ވޯޓު ލިބިވަޑައިގެންނެވުއިރު މީކާއިލަށް ދިނީ 122 ވޯޓެވެ. މާވަށު ދާއިރާއިން ނަޝީދު 175 ވޯޓު ހޯއްދެވިއިރު މީކާއިލަށް ލިބިވަޑައިގަތީ 59 ވޯޓެވެ. ހަމަ އެގޮތަށް މަރަދޫ ދާއިރާއިން ނަޝީދު 281 ވޯޓު ހޯއްދެވި އެވެ. މީކާއިލަށް ލިބިވަޑައިގަތީ 113 ވޯޓެވެ.
އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރެއްގެ ދާއިރާއިން މީކާއިލް ކުރީގައި އުޅެ އެވެ. އޭގެ އެއް ދާއިރާއަކީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްޣަފޫރު މޫސާ (ގަޕޯ) ގެ ހަނިމާދޫ ދާއިރާ އެވެ. އެ ދާއިރާއިން ނަޝީދަށް ވުރެ ގިނައިން މީކާއިލް ވޯޓު ހޯއްދެވި އެވެ. ނަޝީދަށް 159 ވޯޓު ލިބިވަޑައިގެންނެވިއިރު މީކާއިލަށް ހޯއްދެވުނީ 179 ވޯޓެވެ.
ވައިކަރަދޫ ދާއިރާ އިން ނަޝީދު 90 އަދި މީކާއިލް 109 ނެންގެވި އެވެ. ކެޔޮދޫ ދާއިރާއިން ނަޝީދަށް 51 ވޯޓު ލިބިވަޑައިގެންނެވިރު މީކާއިލް 66 ވޯޓު ހޯއްދެވި އެވެ.