އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ އިންތިހާބުގައި ހަމަނުޖެހުން ބޮޑުވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޭޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ބޮޑެތި ތުހުމަތުތަކެއް އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނަށް އަމާޒު ކުރައްވައިފި އެވެ. 

މިރޭ 8:30 ވަންދެން ކުރިއަށް ގެންދާ ވާދަވެރި އިންތިހާބުގެ ވޯޓުލުމުގެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވާއިރު، މީކާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އިންތިހާބުގެ ކަންކަން ވީހާ ވެސް އޮމާންކަމާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ވީހާ ވެސް ހާމަކަންބޮޑު ގޮތެއްގައި ގެންދަން ޕާޓީގެ އޮފީހުން އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް، މީކާއިލާ އެކު މި އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ރޭވިގެން، އެ މަނިކުފާނަށް އުއްމީދު ކުރެއްވޭ ނަތީޖާ ނުނެރެވޭނެ ކަމަށް ފެނިވަޑައިގެންނެވި ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސްދިނުން ލަސްކުރުމާއި ފ. ފީއަލީގެ ވޯޓާސް ލިސްޓުގައި ހިމެނުނަސް މީކާއިލަށް ތާއިދުކުރި އެތައް ބައެއްގެ ނަން ލިސްޓުން އުނިކޮށް، އެ ފޮއްޓާ ހަވާލުވެހުރި ފަރާތުން އަމިއްލަ ލިސްޓެއް ގެންގުޅޭ ކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ.

ފީއަލީގައި ބަހައްޓާފައިވާ ވޯޓުފޮށި މިއަދު ހަވީރު 4:30 ހާއިރު އެ ތަނުން ނަގައިގެން، ފޮއްޓާ ހަވާލުވެ ހުރި ފަރާތުގެ ގެއަށް ފޮށި ގެންގޮސް އެ ގޭގައި އެ ފަރާތުން ބޭނުން ގޮތަކަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ފިޔޯރީގައި ވޯޓުފޮށި ފަޅާލައި އަދި އެކަން ރަނގަޅު ނުކޮށް، ވޯޓުގެ ސައްހަކަން ގެއްލޭ ގޮތަށް މީކާއިލްގެ މަންދޫބުންނަށް ފުރުސަތު ނުދީ ފޮއްޓަށް ވޯޓު އަޅާފައިވާ ކަމަށް ކަމަށް ވެސް ބުންޏެވެ. 

"މި އެންމެހާ ކަންކަމަކީ މި އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ އަދި އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރަހަކަށް ވެދާނެ ކަންކަމަށް ވާތީ އިންތިހާބުގެ ކަންކަން ވީހާ ވެސް އޮމާންކޮށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީއަށާއި ޕާޓީގެ އެންމެހާ ފަރާތްތަކަށް ގޮވާލުމާއެކު އިންތިހާބާ ބެހޭ ކަންބޮޑުވުމެއްގެ ގޮތުގައި މިކަން ފާހަގަކުރަމެވެ،" މީކާއިލްގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ޕާޓީ ހިންގުމުގެ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވަން ވޯޓުލުން ފަށާފައިވަނީ މެންދުރު ފަހު 2:30 ގަ އެވެ. މިރޭ 8:30 އާ ހަމައަށް ގެންދާ ވޯޓުލުމުގައި ބައި ލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.