ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުަހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި "ބޮޑު ބަދަލު"ތައް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އިޖުރާއަތްތައް ތަރުތީބުވެފައި އޮންނަ ގޮތާ ހިލާފަށްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
"ބޮޑު ބަދަލު" ގެ ނަމުގައި އެ ދެ ބޭފުޅުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރެސް ބްރީފިންގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެއްގެ އިތުރުން ގާނޫނު އަސާސީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހެޅި އެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވުމަށް މީކާއީލްގެ ކެމްޕެއިން "އިތުބާރު" ރަސްމީކޮށް ލޯންޗް ކުރަން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީއަކީ އެހެން ސިޔާސީ ޕާޓީތަކާ ތަފާތުކޮށް "ތިރިން މައްޗަށް" ހިނގާ ޕާޓީއެއް ކަަމަށެވެ. ނަމަވެސް ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ހުށަހެޅުންތަކަކީ "މަތިން ތިރިއަށް" ހުށަހެޅުއްވި ހުށަހެޅުންތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މިގޮތުން، އެމްޑީޕީގެ ހުށަހެޅުންތައް އަބަދުވެސް ހުށަހަޅަނީ، ޕާޓީގެ އެންމެ އާދައިގެ މެމްބަރާ ވެސް މަޝްވަރާ ކޮށްގެން ކަމަށްވިޔަސް، ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބަދަލުތަކަކީ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެމްބަރުންގެ މަޝްވަރާ ނެތި ހުށަހެޅުއްވި ހުށަހެޅުންތަކެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ މިވަގުތު އޭނާގެ އަމާޒު ހުރީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކަަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި ޗެއާޕާސަނެއްގެ އިންތިހާބުގައި އަމާޒު ހުންނަން ވާނީ ޗެއާޕާސަނެެއްގެ ގޮތުގައި އެ މަސްއޫލިއްޔަތު އަދާ ކުރާނެ ގޮތުގެ މައްޗަށާއި، ޕާޓީ ހިންގާނެ ގޮތުގެ މައްޗަށެވެ.
ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބައެއް ބަދަލުތައް
- ސަރުކާރުގެ ވެރިޔާގެ އިތުރުން ދައުލަތުގެ ވެރިއަކު ހުރުން
- ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމަކަށް ހެދުމާއި ދައުލަތުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ބައިވެރިވެގެން ނަގާ ވޯޓަކުން ހޮވާ ފަރާތަކަށް ހެދުން
- ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
- މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުން
- ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުން
- ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ހެދުން
- ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން
އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމު ނޫންކަން އިތުރަށް ސާބިތުކޮށް ދެއްވަން ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފަޔަކީ ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުން ކަމަށެވެ.
އެ ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ގެންނަންޖެހޭ ބަދަލެެއް ނޫން ކަަަމަށާއި އަދި އެކަމުގައި މި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާ ކަަމަށް ވެސް ނަޝީދު އެ ދުވަހު ވިދާޅުވި އެވެ. އަދި މަޝްވަރާކޮށްގެން އެ ބަދަލުތައް މިހާރުން މިހާރަަށް ގެންނަން ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.