އެމްޑިޕީގެ ޗެއާޕާސަން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށްފި އެވެ. 

އެ އިންތިހާބުގައި ޒުވާން ލީޑާޝިޕެއްގެ ތަަސައްވުރާއެކު ނުކުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްއާ ވާދަ ކުރައްވައި، އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

އެ އިންތިހާބުގައި ޖުމްލަ 48،912 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެ އިންތިހާބުގައި ވޯޓުލީ 31،129 މީހުންނެވެ. 


އެ އިންތިހާބުގައި 21،301 ވޯޓު ނަޝީދަށް ލިބިވަޑައިގަތެވެ. އަދި މީކާއިލަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް މުހައްމަދަށް 132 ވޯޓު ލިބުނުއިރު 234 ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. 

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ނަޝީދު ހޮވިވަަޑައިގަތުމުން އެކަން ފާހަގަކުރުމަށް ރޭ ވަނީ އާޓިފިޝަލް ބީޗަށް ސަޕޯޓަރުން އެއްވެ ވަނީ އުފާ ފާޅުކޮށްފަ އެވެ. 

އެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރައްވައި ވަރުގަދަ ކެމްޕެއިން ހަރަކާތްތަކަކަށްފަހު އެވެ. 

ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ. އަދި ފައްޔާޒްގެ ވެރިކަމެއްގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވަނީ ބުނެފަ އެވެ.