އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކޮށްފައިވާ އިއުލާން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާ ވާދަވެރި އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ ވަކީލް އަބްދުﷲ ޝާއިރު އެވެ.
އެ މައްސަލާގައި ބުނެފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ. އަދި އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ ގަވާއިދުތަކާއި ގާނޫނުއަސާސީގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސާފުގެ ހަމަތަކާ ފުށުއަރާ، ގާނޫނީ ހައިސިއްޔަތެއް ނެތް ނިންމުމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވޯޓުލުމުގެ ހައްގު ލިބިގެންވާ އެމްޑީޕީގެ މެމްބަރުން ކަނޑައެޅުމުގައި ކުއްލި ސުންގަޑިއެއް ކަނޑައެޅުމަކީ އެ ޕާޓީގެ މެމްބަރުންގެ ގާނޫނީ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރާއި 2021 ވަނަ އަހަރު ބޭއްވި ޗެއާޕާސަން އިންތިހާބުގެ ކަންކަން ވެސް ހިންގުމުގެ ބާރު އޮތީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ދައުވާގައި ބަޔާންކޮށްފައިވެ އެވެ.
ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ޝާއިރުގެ ފަރާތުން އެ މައްސަލާގައި އެދިފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ކުރި އިއުލާން ބާތިލްކޮށް އަދި އެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ހިންގުމުގެ މަސްއޫލިއްޔަތު އޮންނަންވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، ޗެއާޕާސަންގެ އިންތިހާބަށް ކުރި އިއުލާން ބާތިލްކުރަން ވެސް ޝާއިރުގެ ފަރާތުން އެ މައްސަލަ އެމްޑީޕީއަށް ވެސް ކުރިން ހުށަހެޅި އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅީ ނަޝީދާއި މީކާއިލްގެ އިތުރުން ލ. ފޮނަދޫ ހުދުވިލާގޭ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.
އޭގެ ތެރެއިން ނަޝީދާއި މީކާއިލްގެ ކެމްޕެއިންގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ވާދަވެރި ކެމްޕެއިންތަކެއް ދަނީ ހިންގަމުންނެވެ.