މަޖީދީ މަގާއި ރަށްދެބައި މަގަށްވާ ގޮތަށް ހުންނަ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަލުން ބިނާ ކުރުމަށް ފަހު، މިއަދު ހުޅުވައިފި އެވެ. 

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުއްވައިދެއްވީ މިއަދުގެ އަސަރު ނަމާދު ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.  

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިސްކިތް ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް އަލުން ހަދައި 1،400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ތަނަވަސް ރީތި މިސްކިތެއް ގޮތުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ބަރުބަރީ މިސްކިތް ޒަމާނީ ފެންވަރަށް ހެދީ އަލިސާފު ކުންފުނީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެ މި މިސްކިތް ބިނާކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިސެމްބަރު 2024 ގަ އެވެ.

އަލަށް ތަރައްގީކުރި ބަރުބަރީ މިސްކިތް: މިސްކިތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ނިޝާން އަލީ | މިހާރު
އަލަށް ތަރައްގީކުރި ބަރުބަރީ މިސްކިތް: މިސްކިތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ނިޝާން އަލީ | މިހާރު

މި މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ މިސްކިތް ބައްލަވާލައްވައިފަ އެވެ. އާ މިސްކިތުގައި މިއަދު އަސްރު ނަމާދު ކުރެއްވީ ޒުވާން ހަތީބު އަލްހާފިޒު އަބްދުﷲ ބިން އިމްޖާދު އެވެ. 

އަލަށް ތަރައްގީކުރި ބަރުބަރީ މިސްކިތް: މިސްކިތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ނިޝާން އަލީ | މިހާރު
އަލަށް ތަރައްގީކުރި ބަރުބަރީ މިސްކިތް: މިސްކިތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާފައިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ހަދަން ރައީސް މުއިއްޒުގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.