މިސްކިތްތަކުގެ މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަމީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން މި ރޯދަމަހަށް ހަތަރު މިސްކިތެއް އޭސީކޮށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. 

އެއީ ފުރުގާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ޚައްޠާބު މިސްކިތް ކަމަށް އެ އޮފީހުން ބުންޏެވެ. 

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ މިސްކިތްތައް އޭސީކޮށް ނިންމައި ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. 

ވިޔަފާރިވެރިންގެ މިސްކިތުގެ މައި ހޯލު އޭސީ ކޮށްފައިވާއިރު އެ މިސްކިތުގައި މިއަދު ބަޔަކު ނަމާދުކުރަނީ.
ވިޔަފާރިވެރިންގެ މިސްކިތުގެ މައި ހޯލު އޭސީ ކޮށްފައިވާއިރު އެ މިސްކިތުގައި މިއަދު ބަޔަކު ނަމާދުކުރަނީ.

މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސްކިތުގެ މައި ހޯލުގައި 800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް މި ރޯދަމަސް ފެށުމުގެ ކުރިން ބޭނުންކުރަން ފަށާނެ ކަމަށެވެ. 

ސަރުކާރުން ބުނީ، މި ރޯދަމަހުގެ ތެރޭގައި އިތުރު މިސްކިތްތައް ވެސް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. އަދި މާލޭގެ 24 މިސްކިތެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށް ބުންޏެވެ. މީގެ އިތުރުން މާލޭގެ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަަ މަހު ތިން ވަނަ ހުކުރު ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ނަމާދު ކުރާނެ އެވެ.