ސަރުކާރުގެ ހަރަދުގައި ޕައިލެޓުކަން ކިޔަވައިގެން އައިސް ރާއްޖޭގައި ތިބި މީހުންގެ އަދަދު 750 އިން މަތި ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ކުރި ސުވާލުތަކަށް ދިން ޖަވާބުގައިވާ ގޮތުން ޕައިލެޓްކަން ކިޔަވައިގެން ރާއްޖެ އައި ދަރިވަރުންގެ އަދަދު އުޅެނީ 789 ގަ އެވެ.
އަދި މިހާރު އެކި ގައުމުތަކުގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ އަދަދަކީ 126 ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެއީ ސްޓޫޑެންޓް ލޯނާއި ސަރުކާރުގެ އެކި ސްކޮލާޝިޕްތަކުގައި ކިޔެވި ދަރިވަރުންގެ އަދަދެވެ. އޭގެ އިތުރުން އަމިއްލަ ހަރަދުގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުން ވެސް ވަރަށް ގިނަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 500 އެއްހާ މީހުންނަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ދީފައި ވެ އެވެ.
އެކަމަކު، ރާއްޖެއިން އެ ދަރިވަރުންނަށް ވަޒީފާ ނުލިބި "ގިނަވެފައިވާ" މައްސަލަ ވަރަށް ބޮޑެވެ.
ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އަހަރު ވިދާޅުވެފައި ވަނީ 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި އެބަތިބި ކަމަށެވެ.
ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުންނެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.
އަމީން އޭރު ވިދާޅުވި ގޮތުގައި އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އަހަރަކު އުފެއްދެނީ 25 ވަޒީފާގެ ފުރުސަތެވެ. އެހެންވެ، ސަރުކާރުގެ ޒިންމާއަކީ އެ އޮންނަ ފުރުސަތަކާ އެއްވަރަށް ސްކޮލާޝިޕް ދިނުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުންވާ ވަރަށް ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތުތައް ނުއުފެއްދޭތީ ލޯނު ސްކީމުގެ ދަށުން ޕައިލެޓުކަން ކިޔެވުމަށް ދެން ހުޅުވާނުލާން މި ސަރުކާރުން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.
ޕައިލެޓުންނަށް ވަޒީފާގެ ދަތިކަން އޮތުމުން، ލޯނު ހަމަޖައްސައި ކިޔަވަން ނުގޮސް އަދި ތިބި ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ކޯސް ބަދަލުކުރުމުގެ ފުރުސަތު ވެސް ކުރިން ހުޅުވާލި އެވެ. މިދިޔަ އަހަރު ބައެއް ދަރިވަރުން ވަނީ ކޯސް ވެސް ބަދަލުކޮށްފަ އެވެ.
ޕައިލެޓުކަން ކިޔަވައިގެން އައިސް ބައެއް ޒުވާނުން ދަނީ ރިސޯޓުތަކާއި އަދިވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެެ.