ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި އަދި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނިގޮތުގައި، މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނުގެ ދަށުން، އައްޑޫގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:50 އަށް ވަނީ ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވާ އަދި މިހާރު ވެސް އެކަމުގައި ހަރަކާތްތެރިވާ ގްރޫޕެކެވެ.
އެހެންވެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން ޕީޖީން ވަނީ އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހުންނަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅަން ވެސް ވެސް ހައި ކޯޓުގައި އެދިފަ އެވެ.
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރު ކުރުމަށާއި "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި ހުރިހާ ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ހައިކޯޓަށް ޕީޖީން ވަނީ ހުށަހަޅައިފަ އެވެ.
މިއީ ފުލުހުންގެ ފަރާތުން ޕީޖީ އަށް ހުށަހެޅި މިފަދަ ދެވަނަ މައްސަލަ ނަމަވެސް މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ކުރިން ފުލުހުން ހުށަހެޅި ގްރޫޕްގައި ގޭންގުގެ ޝަރުތުތައް ހަމަނުވާތީ އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ޕީޖީން ވަނީ އަނބުރާ ފުލުހުންނަށް ފޮނުވައިފަ އެވެ.
ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްފައި ވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށް ކުރުމަށް ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެ ނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް ގުޅިގެން މަސައްކަތްކުރާ ތިނެއް ނުވަތަ އެ އަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕަކަށެވެ.