ޖަމިއްޔަތުލް ސަލަފުން ބާއްވި ނޫސްވެރިކަމުގެ އަސާސީ ހުނަރުގެ ދެ ވަނަ ކޯސް ނިންމި ބައިވެރިންނަށް ރޭ ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިދިޔަ މަހު 15 އިން މި މަހު ހަތަރަކަށް ހިންގި މި ކޯސްް 21 މީހުން ފުރިހަމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެކި ކުންފުނިތަކުންނާއި ބައެއް މީޑިއާ އިދާރާތަކުންނާއި އާންމުންގެ ބައެއްގެ މީހުން ވެސް ހިމެނެ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވެ. މީގެ އިތުރުން ކޯހުގައި ކިޔަވައިދެއްވި ބައެއް ބޭފުޅުންނާއި، ސަލަފްގެ ބައެއް ބޭފުޅުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނޫސްވެރިކަމުގެ މުހިއްމުކަން، އަޝްރަފް ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ނޫސްވެރިކަން ފެށިގެން އައި ގޮތާއި މިހާރު ނޫސްވެރިކަން ކުރާ ގޮތަށް އަލި އަޅުވައިލެއްވި އެވެ. އަދި ސަލަފްގެ ފަރާތުން ވާހަކަ ދެއްކެވި ޝައިޚް އަހްމަދު ސަމީރު ވަނީ އިސްލާމް ދީނަށް ނޫސްވެރިކަަމުގެ މުހިއްމުކަން ފާހަގަ ކުރެއްވައިފަ އެވެ.

ޖަމިއްޔަތުލް ސަލަފުން ބޭއްވި ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަމިއްޔަތުލް ސަލަފުން ބޭއްވި ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިކޯހުގައި ކިޔަވާދީފައިވަނީ ރާއްޖޭގައި މިހާރު ތިއްބެވި ނޫސްވެރިކަމުގެ ތަޖުރިބާކާރުންނާއި މިހާރު ވެސް ނޫސްވެރިކަން ކުރައްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުހައްމަދު ޝަހީބު، އާދަމް ހަލީލް (މުންޑޫ)، އިބްރާހިމް އާމިރު (ފަރެސް އާމިރު)، މޫސާ ލަތީފު، އިސްމާއީލް ނާސިރު އަދި ހޯރަފުށީ ސަލީމް ފަދަ ބޭފުޅުން ހިމެނެ އެވެ.

ޖަމިއްޔަތުއް ސަލަފުން ބޭއްވި ނޫސްވެރިކަމުގެ ފުރަތަމަ ކޯސް ބާއްވައިފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ކޯހަށް ވުރެ މި ފަހަރުގެ ކޯހުގައި ބައިވެރިން މަދު ނަަމަވެސް، މިކޯސް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ކަމަށް ސަލަފުން ބުންޏެވެ. އަދި މިފަދަ އެހެން ކޯހެއް ވެސް ބާއްވާނެ ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ.