އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށްގެން، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމްކޮށްފައިވާ ކައުންޓަރުތަކުން ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިހާރު ފަށާފައިވާ ކަމަށެވެ. 

ކައުންޓަރުތައް ހުޅުވާ ވަގުތުތައް

  • މިއަދުން ފެށިގެން އަންނަ މަހު ނުވައެއްގެ ނިޔަލަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް
  • އަންނަ މަހު 10 އިން ފެށިގެން 19 އަށް (ރޯދަމަހުގެ ފަހު 10ގައި): ހުކުރާއި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް
ޒަކާތު ހައުސް އިން ނަގުދު ފައިސާ އާއި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަނީ.-- ފޮޓޯ: ޒަކާތު ހައުސް
ޒަކާތު ހައުސް އިން ނަގުދު ފައިސާ އާއި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަނީ.-- ފޮޓޯ: ޒަކާތު ހައުސް

ޒަކާތު ހައުސް އިން ބުނީ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ގޮސްގެން ކަމަށެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ތައާރަފުކޮށްފައިވާ ފިތުރު ޕޯޓަލް ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ. 

އާންމުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ގޮސް ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ފިތުރު ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ޒަކާތު ހައުސް އިން ބުނީ ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭން އެސްއެމްއެސްއެއް ވަގުތުން އެ މީހަކަށް ލިބޭނެ ކަމަށެވެ. އަދި ސޮދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށް ބުންޏެވެ.

ޒަކާތު ހައުސް އިން ރޯދަމަހުގެ ފުރަތަމަ ދުވަހު ވަނީ އޮންލައިންކޮށް، ޖުމްލަ ހަތް ޕްލެޓްފޯމެއް މެދުވެރިިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.  

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ ޕްލެޓްފޯމްތައް

  • ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމްފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް

  • އާދައިގެ ހަނޑޫ: 12ރ. 
  • ތައިލެންޑް ހުދު ހަނޑޫ: 53ރ. 
  • ރަތް ހަނޑޫ: 96ރ. 
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ. 
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.