ވިޔަފާރި ގެއްލުންތައް ވަޒަންކޮށް އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް ދޭން ދެކޮޅު ހެދުމުން ކޯޓަށް ހުށަހަޅައިގެން އެ ރިޕޯޓް މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ހޯދައިފި އެވެ.
ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ)ގެ މާލެ ހައި ކުންފުންޏަށް ލިބުނު ވިޔަފާރީގެ ގެއްލުން ވަޒަންކޮށް، އޮޑިޓް އޮފީހުން އޮޑިޓެއް ހަދާފައިވެ އެވެ. އެ ރިޕޯޓް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިއިރު، މާލެ ހައި ކުންފުންޏަށް އެ ދޭން އޮޑިޓް އޮފީހުން އިންކާރުކުރި އެވެ.
އެހެންވެ، އޮޑިޓާ ޖެނަރަލްގެ އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލި އެވެ. ނަމަވެސް، ދައުވާއާ މެދު އެ އޮފީހުން އެއްވެސް ޖަވާބެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ރިޕޯޓަކީ މާލެ ހައި ކުންފުންޏަށް ލިބެންޖެހޭ ރިޕޯޓެއް ކަމަށެވެ. އެހެންވެ، އެ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ހަތް ދުވަސް ތެރޭގައި ހަވާލުކުރަން ހުކުމްގައި އަންގާފައިވެ އެވެ.
މަންދު ކޮލެޖު ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ހުރި އިމާރާތުގައި، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ، ޕީޕީއެމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ތަން އަތުލި އެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފަ އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލޭ ހައި އިން ދައުވާ ވެސް ކުރި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއަކާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އެސެސްމަންޓެއް ހެދި އެވެ. އެކަމަކު އެފަދަ ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކަމެއް، ނުވަތަ އެކުލަވާލި ކަމެއް ވެސް ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށް މާލޭ ހައި އިން ކުރިން ކޯޓުގައި ބުނެފައިވެ އެވެ.
ކުންފުނީގެ މުދަލާއި ވިޔާފާރި އަށް ލިބިފައިވާ ގެއްލުން އޮޑިޓާ ޖެނެރަލަށް އަދުލުވެރިކަމާ އެކު ވަޒަންކުރެއްވޭނީ އެ ކުންފުނީގެ ބަހެއް ވެސް ހޯދައިގެން ކަމަށް ދެކޭ ކަމަށް ބަޔާނުގައިވެ އެވެ. ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް، ރެކޯޑެއް ނުވަތަ މަޝްވަރާއެއް ވެސް ބެއްލެވުމެއް ނެތި އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އެ ރިޕޯޓަކީ އޭގައި އެއްވެސް ސައްހަ ކަމެއް، ބުރަދަނެއް ނެތް އަދި ބައިނަލްއަގްވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ހިލާފު ބާތިލް ރިޕޯޓެއް ކަަމަށް ވެސް ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި އޮތީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.