ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލައިފި އެވެ. 

އެމްއޭސީއެލުން ހިންގި އެ ޕްރޮޖެކްޓު 50 ދުވަހުގެ ތެރޭގައި ނިންމާލިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ހިއްކާފައިވާ ސަރަހައްދު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާ އެކު، ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ފަށައި، މިއަދު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން އުޅޭ ދިއްދޫގައި އެއާޕޯޓެއް އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އެ ރަށުގެ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.  

ދިއްދޫން ހިއްކި 112 ހެކްޓަރުގެ ސަރަހައްދު
ދިއްދޫން ހިއްކި 112 ހެކްޓަރުގެ ސަރަހައްދު

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫ އަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ އެ ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލުން ބުނެފައި ވެ އެވެ. 

ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންކުރި ޑްރެޖަރު.
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންކުރި ޑްރެޖަރު.

ރައީސް ވަނީ 2023 ގެ ރިޔާސީ ކެމްޕެއިންގައި، ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީން އެ ރަށަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ވެސް ދެއްވައިފަ އެވެ. އަދި މި ދައުރުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.