އއ. އުކުޅަހުގައި ފްލެޓް އިމާރާތްކުރުމަށާއި ގޯތި ދޭން ހިއްކާފައިވާ ބިމަށް ދެ ހެކްޓަރު އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީން އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ އުކުޅަހަށް ބޭނުންވާ ތަރައްގީގެ އެކިއެކި މަސައްކަތްތަކާ ބެހޭ ގޮތުން އެ ރަށު ކައުންސިލާ އެކު އިއްޔެ މަޝްވަރާ ކުރެއްވި ކަމަށެވެ.
އުކުޅަހު ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފަދަ ކަންކަަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އުކުޅަހު ކައުންސިލްގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކެވެ.
"މި ރަށުގެ ތަރައްގީ އަށް ހުރި ކަންކަމުގައި އަޅުގަނޑު ވަރަށް ތަފްސީލްކޮށް ވާހަކަ ދެއްކިން. ގޯތީގެ މައްސަލަ، ބޯހިޔާވިކަމުގެ މައްސަލަ، ބޯހިޔާވަހި ކަމުގެ ކަންތައްތައް. މިކަމަށް އަޅުގނޑު ހަމަ ދެންނެވިން ހިއްކާފައި އޮތް ބިން އަދި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް، ލެވެލް ކުރުމާއި މި ކަހަލަ ބައެއް ކަންތައްތައް ހުރުމާއި އަދި ކޮންމެވެސް ވަރަކަށް ޖާގަކޮޅެއް އިތުރަށް ބޭނުންވާތީ، ގާތްގަނޑަކަށް ދެ ހެކްޓަރުގެ ބިން އިތުރު ކޮށްދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިގުތިސާދީ ދަތިކަން އޮތް ނަމަވެސް ކޮށްދޭން ވައުދުވެވަޑައިގެންފައިވާ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އޭގެ ސަބަބުން އުކުޅަހު ރައްޔިތުންނަށް ވާ ފައިދާތައް ކައުންސިލަރުން ރައީސަށް ވަަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އުކުޅަހަށް ކުރައްވާ ދަތުރުފުޅުގައި، އެ ރަށުގައި އަލަށް ފަށާ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމާއި ބައެއް މަޝްރޫއުތަކުގެ ބިންގާ އެޅުން ވެސް ކުރިއަށް ގެންދިޔަ އެވެ.